ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓަންސީ ހެދުމަށް ބޭރުގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށް، މިއަދު ސޮއިކޮށްފިއެވެ.

ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމަށް ކޮންސަލްޓަންސީ ހެދުމަށް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގުޅީފަޅުގައި ބައިނަލްއަގުވާމީ ބަނދަރު ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ކޮންސަލްޓަންސީ މަސައްކަތްކުރަން ހަވާލުކުރުމުގެ ކޮންޓްރެކްޓުގައި މިއަދު ސޮއިކޮށްފައި ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު އަހްމަދު މިގްދާދު އަދި ކޮންޓްރެކްޓު އެވޯޑުކުރި ޖޮއިންޓް ވެންޗާގައި ހިމެނޭ ޑެންމާކްގެ ނީރާސް ކުންފުނީގެ ޑިރެކްޓަރ ޕޯޓްސް އެންޑް މެރިޓައިމް، ޔެސްޕާ ހާޑާއެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މަޝްރޫއު އެ ޖޮއިންޓް ވެންޗާ ކުންފުންޏަށް އެވޯޑުކޮށްފައިވަނީ އޮގަސްޓުމަހުގެ 28 ވަނަ ދުވަހުއެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 1,050,362.00 ޑޮލަރެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ދެ ފަހަރެއްގެ މަތިން ފިނޭންސްއިން އިއުލާނު ކުރިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ބޭރުގެ އެހީދޭ ގައުމުތަކަށާއި ޖަމާއަތްތަކަށް ހާމަކުރުމަށް ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީވެސް މިއެވެ. މި ޕްރޮޖެކްޓާއެކު ގްރޭޓާ މާލެ ސަރަހައްދު ބްރިޖުން ގުޅާލުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަނީ ހުށަހަޅައިފައެވެ.

ސަރުކާރުގެ ވިސްނުމަކީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅާލުމެވެ. މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް އަންނަ ފެބްރުއަރީގައި ފަށާނެ ކަމަށް ރައީސް ސޯލިހުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލެއާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖެއް އެޅުމުގެ މަސައްކަތްކުރުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ޕްރޮޕޯޒަލް މިދިޔަ މަހު ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮޖެކްޓަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.