30 Sep 2019, 11:34
ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅުއްވި ގިނަ އިސްލާހުތަކެއް ކުދި ބަދަލުތަކަކާއި އެކު މަޖިލީހުން ފާސްކޮށްފައި ވަނީ 52 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެ އެވެ.
ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ބިލުގައި ހިމަނާފައިވެ އެވެ. ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅި އިރު ޓެރަރިޒަމް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފަ އެވެ. ޓެރަރިޒަމްގެ ކުށަށް ވަނީ ކޮން ކަހަލަ ކަންކަމެއްކަން ތަފްސީލުކޮށްފައިވެ އެވެ.
ޓެރަރިޒަމްގެ ކުށްތައް
- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން
- ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުން
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން
- މުދަލަށް ބޮޑެތި ގެއްލުން ދިނުން
- ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން
- އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުން
މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން
މިއިން އެއްވެސް ކުށެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ނުވަތަ އެއްވެސް ސިފައެއްގައި އެއިން ކުށެއް ކުރުމުގައި ބައިވެރިވުމަކީ ނުވަތަ އެހީތެރިވެދިނުމަކީ ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެއް ކަމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
އޭގެ އިތުރުން ހަނގުރާމަ ކުރުމަށް ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދާން އުޅުމާއި ދިއުމާއި ހަނގުރާމައަށް މީހުން ފޮނުވުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ހަނގުރާމަވެރި ސަރަހައްދަކަށް ވަކި ބޭނުންތަކެއްގައި ދެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތު ކަމުގެ އެހީތެރިކަން ދިނުމަށާއި ކޯޓު އަމުރެއް ތަންފީޒު ކުރުމަށާއި އެހެން ގައުމެއްގެ ސަރުކާރުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަކީ ކުށެއް ނޫނެވެ. އަދި ނޫސްވެރިކަން ކުރުމަށް ހުއްދަ ދީފައިވާ ނޫސްވެރިން ދިއުމަކީ ވެސް ކުށެއް ނޫން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ހަނގުރާމައަށް ދިޔަ މައްސަލައެއް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ސަރުކާރުން ބިލު ހުށަހެޅި އިރު ބުނެފައިވީ ނަމަވެސް މަޖިލީހުން ވަނީ އަދަބު ލުއިކޮށްފަ އެވެ. މަޖިލީހުން ބިލު ފާސްކުރި އިރު ހަނގުރާމައަށް ދާ މީހުންގެ އަދަބެއް ކަމަށް ބުނެފައި ވަނީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ.
ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހެއްގައި ހުރިކަން ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ސަރުކާރުން ބިލު ހުށަހެޅި އިރު ބުނި ނަމަވެސް އެ އަދަބު ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް މަޖިލީހުން ވަނީ ބަދަލުކޮށްފަ އެވެ. ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް ހިތްވަރު ދިނުމަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކުށެއް ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.
ޓެރަރިޒަމްގެ ކުށުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެހެއްޓޭނެ ގޮތަށް ސަރުކާރުން ބިލު ހުށަހެޅި އިރު ހިމަނާފައިވީ ނަމަވެސް އެމާއްދާ މަޖިލީހުން ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ބުނެފައި ވަނީ 24 ގަޑިއިރު ތެރޭގައި އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގައި ވެސް ބުނެފައިވާ ގޮތެވެ.
ޝަރީއަތަށް ގަބޫލުކުރެވޭ ހެކިތައް
ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް އާންމު މައްސަލަތަކާއި ހިލާފަށް ބައެއް ހެކިތައް ގަބޫލުކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ކުށެއް ކުރި ކަމަށް އެއްބަސްވެ ޝަރީއަތުގެ މަޖިލީހުގައި ދޭ އިއުތިރާފާއި މީހަކު މަރުވަމުން ދައުވާއާއި ގުޅުން ހުރި ހަގީގަތަކަށް ބާރު ލިބޭ ގޮތަށް އެމީހަކު ބުނެފައިވާ އެއްޗެސް ވެސް ހެކީގެ ގޮތުގައި ބަލައި ގަނެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ކުށުގެ ތުހުމަތު ކުރެވޭ މީހާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި އޯޑިއޯ އަދި ވީޑިއީ ރެކޯޑު ކުރެވޭ ގޮތަށް އެއްވެސް މަޖުބޫރުކަމެއް ނެތި ކުށުގެ ތުހުމަތު ކުރެވޭ މީހާ އަމިއްލަ އިހުތިޔާރުގައި ދޭ ބަޔާން.
- ފޮރެންސިކް ހެކި
- ރަސްމީ ލިޔުން
- ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު
- ކުށުގެ ތުހުމަތުކުރެވޭ ފަރާތައް ހަނގުރާމައިގައި ހަނގުރާމަވެރި ހަތިޔާރަކުން ލިބިފައިވާ އަނިޔާއެއްކަން ބަޔާންކުރާ މެޑިކަލް ރިޕޯޓު
- ޝާއިއުކޮށްފައިވާ ލިޔުމާއި ކުރެހުމާއި ފޮޓޯ ނުވަތަ މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް ފޮނުވާފައިވާ ލިޔުމައި
- ކުރެހުމާއި ފޮޓޯ އޯޑިއޯ ނުވަތަ ވީޑިއޯ ފަދައެއްޗެއް
- ކުށުގެ ތުހުމަތު ކުރެވޭ އާއިލާގެ މީހަކު ތަހުގީގީ އިދާރާއަށް ދޭ ބަޔާން
- ލޮލަށް ފެނުނު މީޙުންގެ ހެކިބަސް
ޓެރަރިޒަމްގެ ބިލަށް މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރައްވާ ހިސާބުންނެވެ. ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ބޮޑެތި އިސްލާޙުތަކެއް ހުށަހަޅާފައި މިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ދާދި ފަހުން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. އެއީ ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވާގޮތުން ރިލްވާން މަރާލާފައިވަނީ ހައްދު ފަހަނައެޅި ޖަމާއަތެއްގެ ބައެކެވެ.