މަޝްހޫރު ނެށުންތެރިޔާ ޝަކްތީ މޯހަން، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެ އެވެ.

އިންޑިއާގެ ބައެއް ނެށުމުގެ ބޮޑެތި މުބާރާތްތަކުގައި ޖަޖަކަށް ވެސް މަސައްކަތްކޮށްފައިވާ ޝަކްތީ ރާއްޖެއަށް އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރީންނެވެ.

އޭނާ ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާއަށް ދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝަކްތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ކޮކޯ ބޮޑު ހިތި ރިސޯޓުގަ އެވެ. ޝަކްތީ އާ އެކު އޭނާ ކޮއްކޮ މުކްތީ މޯހަން ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝަކްތީ މިހާރު މަސައްކަތްކުރަމުން ދަނީ ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް ވަނުމަށެވެ. އެގޮތުން އޭނާއަށް ވަނީ މިހާރު ފުރަތަމަ ފިލްމު ޑީލް ވެސް ލިބިފަ އެވެ.

މަޝްހޫރު ބޮލީވުޑް ފިލްމް ސީރީޒް "އޭބީސީޑީ"ގެ ތިން ވަނަ ފިލްމުން ޝަކްތީ ފެނިގެންދާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފަ އެވެ.

ޝަކްތީގެ އިތުރުން އެ ފިލްމުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޝްރައްދާ ކަޕޫރާއި ވަރުން ދަވަން އެވެ.