14 Nov 2011, 10:53
ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް 145596ރ. ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި އިއްޔެ އާންމުކޮށްފައިވާ ޕީޖީގެ އޮޑިޓް ރިޕޯޓުގައި ބުނަނީ ފެކަލްޓީ އޮފް ހެލްތު ސައިންސް ކުރިން ހިންގި ޕީޖީގެ އޮފީސް، ބަދަލު ކުރި އިރު އެ އިމާރާތުގެ އެތެރޭގެ ޑިޒައިންތަކަށް ބަދަލު ގެނައުމުގެ މަސައްކަތުގައި ކޮންޓްރެކްޓާ އެކު އެއްބަސްވި އެއްބަސްވުމުގައި ނުހިމެނޭ ބައެއް މަސައްކަތްތައް ކުރުވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ އަގަށް ކޮންޓްރެކްޓަރަށް 40745ރ. ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.
ދެން އެ އޮފީހުން ގަވާއިދާ ހިލާފަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނަނީ 2009 ވަނަ އަހަރު އެ އޮފީހުން ހޯދާފައިވާ އެކި ހިދުމަތްތަކުގެ ބިލްތަކަށް އަރާ 58913ރ. ހޯދަން، މާލިއްޔަތު ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިގެން ފައިސާ ހޯދުމެއް ނެތި އެ ފައިސާ ދެއްކީ މިދިޔަ އަހަރުގެ ބަޖެޓުން ކަމަށެވެ.
ޕީޖީ އޮފީހުން މިދިޔަ އަހަރުގެ ޖޫން މަހު ހިންގި އީ-ކްރައިމް ކޮންފަރެންސްގައި ބައިވެރިވި ފަރާތްތަކުގެ ކެއުމުގެ ކަންކަން ބަޔަކާއި ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދުގެ 8.15 ގެ (ށ) އާ ހިލާފަށް އިއުލާން ކުރުމެއް ނެތި ކަމަށެވެ. އެ ފަރާތަށް ވެސް 45938ރ. ދީފައިވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.
އޮޑިޓް އޮފީހުން ޕީޖީގެ އޮޑިޓް ރިޕޯޓާ އެކު ވަނީ އެޓާނީ ޖެނެރަލްގެ އޮޑިޓް ރިޕޯޓް ވެސް އާންމުކޮށްފަ އެވެ. މިއަހަރު ނިމުމާއި ގާތްވަމުން އަންނަ އިރު އެ އޮފީހުން މިހާތަނަށް ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި މީޑިއާ ކައުންސިލާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް ރިޕޯޓް ނެރެފަ އެވެ.