30 Sep 2019, 09:09
ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދި "ފާސްޓް އެންޑް ފިއުރިއަސް"ގެ ފުރަތަމަ ފްރެންޗައިޒްގެ ޑައިރެކްޓަރު ރޮބް ކޮއެންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.
ޚަބަރުތައް ބުނާގޮތުގައި ރޮބް އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ޓީވީ ޕްރޮޖެކްޓަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރުމަށް ރޮބް ދިން ދައުވަތެއްގައި އެމެރިކާގެ މެންހަޓަންގެ ހޮޓަލެއްގައި ކަމަށެވެ. އެއީ 2015 ވަނަ އަހަރުއެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވި "ޖޭން" މީޑިއާތަކަށް ބުނީ ރޮބް އޭނާ ގާތު ހޮޓަލަށް ދާން ދައުވަތުދިނުމުން ޖެހިލުންވި ކަމަށެވެ. އޭނާ ބުނީ އެތަނުން ރޮބް އޭނާ އަށް ބުއިމެއް ދިން ކަމަށާއި އެއަށް ހުރީ މަސްތުވާތަކެތި އަޅާފައިވާކަމަށެވެ. އަދި ރޮބް އޭނާ އަށް ޖިންސީ ގޯނާ ކުރިކަން އެނގުނީ ހެނދުނު އޭނާ ބަރަހަނާ ހާލުގައި އޮތުމުން ކަމަށްވެސް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ޖޭން ޖިންސީ އަނިޔާއަށް ފަރުވާ ހޯދާފައިވާކަމަށް މެޑިކަލް ރިޕޯޓްތަކުން ދައްކައެވެ.
ނަމަވެސް އެ ތުހުމަތާ ގުޅިގެން ރޮބް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.