މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ މިސްޓާ އެމްއެންޑީއެފް މުބާރާތުގެ ގްރޭންޑް ފިނާލޭ ޝޯ ރޭ އައްޑޫ ސިޓީގައި ކުރިއަށްދިޔަ އިރު މުބާރާތުގެ ފަޚްރުވެރި އެއް ވަނަ ސޮބާޙް ޙުސައިން ހޯދައިފި އެވެ.

އައްޑޫ ސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ރޭ ބޭއްވި މިސްޓާ އެމްއެންޑީއެފް ގްރޭންޑް ފިނާލޭ ޝޯގައި “މިސްޓާ އެމްއެންޑީއެފް ގެ މަޤާމްގެ އިތުރުން ސޮބާޙް ޙުސައިން ވަނީ ވެއިޓަވެއިޓް ކެޓަގަރީން ވެސް އެއް ވަނަ ހޯދާފަ އެވެ.

މިހާތަނަށް ބޭއްވި އެންމެ ފޯރިގަދަ މިސްޓާ އެމްއެންޑީއެފް ގްރޭންޑް ފިނާލޭ ޝޯ ރޭ އައްޑޫ ސިޓީގައި ކުރިއަށްދިޔަ އިރު، މުބާރާތުގެ ތިން ކެޓަގަރީއަކުން ވަނަތަކަށް ހޮވުނު ފަރާތްތައް ޝޯގެ ތެރެއިން ވަނީ އިޢުލާނުކޮށްފަ އެވެ. މިގޮތުން ލައިޓް ވެއިޓް ކެޓަގަރީން މުޙައްމަދު ރަޝީދު ޢަލީ އެއް ވަނަ ހާސިލްކުރި އިރު، ބެންޓެމް ވެއިޓް ކެޓަގަރީން އެއް ވަނަ ހާސިލްކުރީ ޢަބްދުﷲ މާހިދު އެވެ.

މުބާރާތުގައި ވާދަކުރި ބައިވެރިންގެ ތެރެއިން އެންމެ ބައިވެރިއަކު ފިޔަވައި ހުރިހާ ބައިވެރިންގެ ހަށިގަނޑު ރޭ ޝޯގެ ތެރެއިން ސްޓޭޖްގައި ދައްކާލި އިރު، ފައިނަލްގައި ވާދަކޮށްފައި ވަނީ ތިން ކެޓަގަރީން އެއް ވަނަ އަށް ހޮވުނު ފަރާތްތަކެވެ. އަދި ޖަޖުންގެ ނިންމުމަށް ފަހު “މިސްޓާ އެމްއެންޑީއެފް”ގެ މަޤާމް ވަނީ ހޮވާފަ އެވެ. މިސްޓާ އެމްއެންޑީއެފްގެ މަޤާމަށް ހޮވުނު ސޮބާހް އަށް ތައްޓާއި މެޑަލް އަދި 50،000ރ.ގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް ތޮލްޙަތު އިބްރާހިމް ކަލޭފާނެވެ.

ދިވެހި ރާއްޖޭގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ މޮޅު މިޔުޒީޝަނުން ކޮޕްސް ބޭންޑާ އެކު ޕާފޯމްކުރި ރޭގެ ޝޯ ބަލައިލުމަށް އައްޑޫ ސިޓީގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އީސީސީއަށް ހާޟިރުވި އެވެ. މިގޮތުން އީސީސީގެ އެތެރޭ ހޯލު ފުރުމާއި ގުޅިގެން، ބޭރުގައި ސްކްރީން ބަހައްޓައިގެން ވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ޝޯ ބަލަމުންދިޔަ އެވެ.

ރޭގެ ޝޯ ވަނީ އެމްއެންބީސީ ވަން އަދި ދި ޓީވީން ލައިވްކޮށްފަ އެވެ. މި ޝޯގައި ޗައިނާގެ ކަލްޗަރަލް ގުރޫޕަކުން ވަނީ ވަރަށް ފުރިހަމަ ކުންގްފޫ ހަރަކާތްތަކަކާއި އަދި ޑްރަގަން ޑާންސެއް ވެސް ހުށަހަޅައިދީފަ އެވެ.

މީގެ އިތުރުން އެމްއެންޑީއެފް ބްރާސް ބޭންޑުގެ ފަރާތުން ކޮޕްސް ބޭންޑާ އެކު ހުށަހަޅައިދިން އިރު، އެސްޓީއޯގެ ފަރާތުން ވެސް ޑާންސެއް ހުށަހަޅައިދިނެވެ. އަދި ޝޯއަށް ފަހު އީސީސީގެ ބޭރުގައި ހަވާ އެރުވުން ވެސް އޮތެވެ.