29 Sep 2019, 21:09
ޕެރިސް (ސެޕްޓެމްބަރު 29) : މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި ފަރަންސޭސިވިލާތުގެ ކުރީގެ ރައީސް ޖެކް ޝިރާކް ގެ ޖަނާޒާގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި އިސް މަސްއޫލުވެރިންގެ ތެރެއިން 40 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އެގައުމުން ބުނެފިއެވެ.
ފަރަންސޭސި ސަރުކާރުގެ މަސްއޫލުވެރިއަކު ވިދާޅުވީ ޝިރާކްގެ ޖަނާޒާ އޮންނާނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާ ޖަނާޒާ ކުރިޔަށްދާނީ ރަސްމީ އިއްޒަތުގައި ކަމުގައެވެ. އުމުރުން 86 އަހަރުގައި ޝިރާކް މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވީ އޭނާގެ ގޭގައި އޮންނަވަނިކޮށް ތަބީއީ މަރަކުން ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.
ޝިރާކް، ފަރަންސޭސިވިލާތުގެ ރައީސްކަން ކުރައްވާފައިވަނީ 1995 ން 2007 އަށެވެ. އޭނާ 7 އަހަރުގެ ރިޔާސީ ދައުރަކާއި 5 އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވާފައިވެއެވެ. އޭގެކުރިން 1986 ން 1988 ށް ޝިރާކް، ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވެއެވެ. އަދި ފަރަންސޭސިވިލާތުގެ ޕާލަމެންޓްގެ މެންބަރުކަމާއި އެކި ވުޒާރާތަކުގެ ވަޒީރުކަން އެކި ދުވަސްވަރު ކުރައްވާފައިވާއިރު ޝިރާކްގެ ސިޔާސީ ހަޔާތް ބައި ގަރުނަށްވުރެ ދިގު މުއްދަތަކަށް ދިގު ދެމިގެން ގޮސްފައިވެއެވެ.
ޝިރާކް ފަރަންސޭސި ސަރުކާރުގެ އިސް މަގާމެއް އެންމެ ފުރަތަމަ އަދާކުރެއްވީ 1962 ވަނަ އަހަރު އޭރުގެ ފަރަންސޭސި ރައީސް ޖޯޖް ޕޮމްޕީޑޫ ގެ ވެރިކަމުގައެވެ. ޕޮމްޕީޑޫ ގެ ވެރިކަމުގައި ފަރަންސޭސި ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރުގައި ބައެއް މަގާމުތައް އޭނާ އަދާކުރެއްވިއެވެ.
1932 ގައި ޝިރާކް އުފަންވެ ވަޑައިގެންފައިވަނީ ޕެރިހުގެ އާދައިގެ އާއިލާއަކަށެވެ. އޭނާ ތައުލީމު ހާސިލް ކުރެއްވީ ފަރަންސޭސި ސަރުކާރުގެ ސްކޫލްތަކުންނެވެ. މަތީ ތައުލީމު ހާސިލް ކުރެއްވީ ޑިޕްލޮމާ ފެންވަރަށެވެ. ޕެރިހުގެ އިންސްޓިޓިއުޓަކުން ސިޔާސީ އިލްމުން ޑިޕްލޮމާ ހައްދަވާފައިވާއިރު އެމެރިކާގެ ހަވަޑް ޔުނިވާސިޓީންވެސް ޑިޕްލޮމާއެއް ހައްދަވާފައިވެއެވެ.
ޝިރާކްގެ ރިޔާސަތުގައި ގާނޫނަށް ބަދަލުގެންނަވައިގެން ފަރަންސޭސި ރިޔާސީ ދައުރުވަނީ 7 އަހަރުން 5 އަހަރަށް ކުޑަކުރައްވާފައިވެއެވެ. ޝިރާކް އަކީ ޔޫރްޕްގެ އެހެން ލީޑަރުންނަށްވުރެ ބޮޑަށް ފަލަސްތީނުގެ މިނިވަންކަމާއި ހައްގުތަކަށް ތާއީދުކުރައްވައި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އަދި އެމެރިކާއިން 2003 ވަނައަހަރު އިރާގާ ދެކޮޅަށް އެމެރިކާ ކުރި އުދުވާނީ ހަނގުރާމައާ ވަރަށް ބޮޑަށް ދެކޮޅަށް ޝިރާކް ގެ ވެރިކަމުގައި ފަރަންސޭސިވިލާތް އދ. އާއި ބައިނަލްއަގްވާމީ ތަފާތު މަހްފަލްތަކުގައި ހަރަކާތްތެރިވިއެވެ. އަދި އެ ހަނގުރާމަވަރަށް ބޮޑަށް ކުށްވެރި ކުރައްވައި އެއީ އަނިޔާވެރި އުދުވާނީ ހަނގުރާމައެއް ކަމަށް ސިފަކުރެއްވިއެވެ.
ޝިރާކް ފަރަންސޭސި ރައީސް ކަމުގައި ހުންނަވަނިކޮށް 2005 ވަނައަހަރު ސިކުނޑީގެ ސްޓްރޯކެއް ޖެހިވަޑައިގަތެވެ. ނަމަވެސް އެއަށްފަހުވެސް ހާލުކޮޅު ރަނގަނޅުކޮށް ފެނިގެން ގޮސްފައިވެއެވެ. ޝިރާކްގެ ހާލުކޮޅު ދަށަށްދާންފެށީ 2007 ވަނަ އަހަރު އޭނާގެ ވެރިކަން ނިމުމަކަށް އައިސް މުސްކުޅި ކުރެއްވި ހިސާބުންނެވެ. އެއަށްފަހު އުޅުއްވާފައިވަނީ ވަރަށް އެކަނިވެރި ދިރިއުޅެމެކެވެ. ޝިރާކް ގެ ދެ އަންހެން ބޭފުޅުން ތިއްބެވިއިރު އޭގެތެރެއިން އެއްބޭފުޅަކު 2016 ވަނައަހަރުވަނީ އަވަހާރަވެފައެވެ. (އަލްޖަޒީރާ)