ކޮލަމްބޯ (ސެޕްޓެމްބަރު 29): ސްރީލަންކާ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

ލަންކާގެ ނެޝަނަލް ޕީޕަލްސް މޫވްމެންޓް (އެންޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަ ކުރައްވާ ސެނަނަޔަކަ ވިދާޅުވި ގޮތުގައި އޭނާ ގަބޫލު ކުރައްވާ ގޮތުގައި އޭނާ ވަނީ އަސްކަރިއްޔާގައި ހުންނަވައިގެން ގައުމަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. ނަމަވެސް ގައުމުގެ ރައްކާތެރިކަން އަދިވެސް ޔަގީން ކުރަން ޖެހޭ ކަމަށާއި ގައުމަށް ބަދަލުތައް ގެންނަން މިނިވަން ބާރެއް އަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވާނީ އެފަދަ މީހަކަށް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސެނަނަޔަކަ ވަނީ ސިޔާސީ ފަރާތްތަކުން ދަނީ އަސްކަރިއްޔާއަށާއި ފުލުހުންނަށް ބާރު ފޯރުވަމުން ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ޓީމުގައި ސިޔާސީ ފަރާތްތަކުގެ ބަދަލުގައި ހިމެނެނީ އިލްމުވެރިންނާއި އެކި ދާއިރާތަކުގެ މާހިރުންކަން ފާހަގަ ކުރައްވާފަ އެވެ.

ލަންކާގެ އަސްކަރިއްޔާގައި 37 އަހަރުވަންދެން ހިދުމަތް ކުރައްވާފައިވާ ސެނަނަޔަކަ ވަނީ މިދިޔަ މަހު ރިޓަޔާ ކުރައްވާފަ އެވެ. އެއީ އޭނާގެ އަސްކަރިއްޔާގެ ކޮމާންޑަރުކަމުގެ ދައުރު މިދިޔަ ޖުލައި މަހު ނިމުނު ފަހުންނެވެ.

ލަންކާގައި މިދިޔަ އޭޕްރިލް 21ގައި ބޮމުގެ ހަމަލާތައް ދިނީ ސެނަނަޔަކަ އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުންނަވަނިކޮށެވެ. އޭރު އެހަމަލާތައް ހުއްޓުވުމަށް ސަލާމަތީ ފައުޖުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.

އެގޮތުން ލަންކާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ސިސިރާ މެންޑިސް ވަނީ އަސްކަރިއްޔާގެ ވެރިޔާވެސް ބައިވެރިވެވަޑައިގަންނަވާ ސަލާމަތީ މަޖިލީހުގެ ބައްދަލުވުންތައް އެގައުމުގައި ގަވާއިދުން ނުބާއްވާ ކަމަށާއި އޭގެ ސަބަބުން ގައުމު ރައްކާތެރި ކުރުމަށް ފުރިހަމައަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ޖޫން މަހު މެންޑިސް މަގާމުން ދުރުކުރީ އޭނާ އެފަދައިން ވިދާޅުވުމުންނެވެ.

ސެނަނަޔަކަ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭޕްރިލް 21ގައި ދިން ހަމަލާތަކުގެ ކުރިން، އެފަދަ ހަމަލާތައް ދޭން އުޅޭ ކަމުގެ އިންޒާރު އިންޑިއާއިން ލަންކާއަށް ދިން ނަމަވެސް، ސަލާމަތީ ފިޔަވަޅުތައް ނޭޅުނީ ތަފާތު ޑިޕާޓްމެންޓުތަކުގެ މެދުގައި "މައުލޫމާތު ހިއްސާ ކުރުމުގައި" ޖެހުނު މައްސަލަތަކުގެ ސަބަބުންނެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 16އިގަ އެވެ. އެއިންތިހާބުގައި ރައީސް މައިތިރިޕާލާ ސިރިސޭނާ ވާދަ ކުރައްވާނެކަން އަދި ހާމަ ނުކުރައްވަ އެވެ.

އެ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންނަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ލީޑުކުރައްވާ ސްރީލަންކާ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ފަރާތުން ގޯޓާބަޔަ ރާޖަޕަކްސައާއި، ކޮމިއުނިސްޓް ފިކުރުގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަނޫރަ ކުމާރަ ޑިސާނާޔަކަ އާއި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ އެވެ.

މީގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވަނީ ކުރީގެ ރައީސް ރާޖަޕަކްސަގެ ޕާޓީއިން ވާދަކުރައްވާ އެމަނިކުފާނުގެ ކޮއްކޯފުޅު ގޯޓާބަޔައަށެވެ.