ރިޔާޒު (ސެޕްޓެމްބަރު 29): ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ބޮޑީގާޑަކު ރޭ މަރާލައިފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ސައުދީ ޕްރެސް އޭޖެންސީގައިވާ ގޮތުން މޭޖާ ޖެނެރަލް އަބްދުލްއަޒީޒު އަލް ފަގުހަމްގެ ގަޔަށް ބަޑި ޖަހާ މަރާލީ އޭނާގެ އެކުވެރިޔެކެވެ. އަދި އެހާދިސާ ހިނގީ އަލް ފަގުހަމް ޖިއްދާގައި ހުންނަ އޭނާގެ އެކުވެރިޔާގެ ގެޔަށް ގޮސް، ދެމީހުންގެ މެދުގައި އުފެދުނު ދެބަސްވުމަކަށް ފަހު ކަމަށް ފުލުހުންގެ ބަޔާނަކާ ހަވާލާދީ އެސްޕީއޭގައިވެ އެވެ.

މީގެ އިތުރުން އަލް ފަގުހަމްގެ ގަޔަށް ބަޑި ޖެހުމަށް ފަހު، މަމްދޫހު ބިން މިޝާލް އަލް އަލީ ކިޔާ އެމީހާ ފުލުހުންނާ ހަވާލުވާން ދެކޮޅު ހެދި ކަމަށާއި އޭނާ އާއި ފުލުހުންނާ ދެމެދު ހަމަލާ ބަދަލު ކުރި ކަމަށް އެސްޕީއޭއިން ރިޕޯޓު ކުރި އެވެ. އެހާދިސާގައި ސަލާމަތީ ފައުޖުތަކުގެ ފަސް މެމްބަރަކާއި ސައުދީ މީހަކާއި ފިލިޕީންސްގެ މީހަކަށް އަނިޔާވި އެވެ. އަދި އަލް ފަގުހަމްއަށް ހަމަލާ ދިން މީހާ މަރުވި އެވެ.

އެހަމަލާތަކަށް ފަހު އަލް ފަގުހަމް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާއަށް ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި އެވެ.

ސަލްމާން ރަސްގެފާނުގެ އަރިސް ހަށިފާރަވެރިއެއްގެ ގޮތުގައި ގިނައިން ފެނިފައިވާ އަލް ފަގުހަމް ވަނީ ކުރީގެ ރަސްގެފާނު އަބްދުﷲގެ ބޮޑީގާޑެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.