29 Sep 2019, 16:17
މަޝްހޫރު ޝެފް ބްރޫނޯ މަނާޑް އާއެކު ބެސްޓް ބައި މޯލްޑިވްސްގެ މާސްޓާ ކްލާސް ކުރިއަށް ގެންގޮސްފި އެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި އިއްޔެ ކުރިއަށްގެން ދިޔަ މި ކްލާހުގައި ރާއްޖޭގައި މަސައްކަތްކުރާ 95 ޝެފުން ބައިވެރިވި އެވެ.
ބެސްޓް ބައި މޯލްޑިވްސް އިން ބުނީ މާސްޓާ ކްލާހަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުންނަށް ފަހުގެ ޓެކްނީކްސް އަދި ޓެކްނޮލަޖީ ދަސްކޮށްދީ ވޯލްޑް ކްލާސް ޝެފަކާ އެކު އެކްސްޕީރިއަންސް ކޮށްލުމުގެ ފުރުސަތު ދިނުން ކަމަށެވެ. އިއްޔެގެ ހަރަކާތުގައި ފުލް ކޯސް މީލެއް ތައްޔާރުކުރާނެ ގޮތް ޝެފް ބްރޫނޯ ވަނީ ޑެމޮންސްޓްރޭޓް ކޮށްދީފަ އެވެ.
ކޮންމެ އަހަރަކު ވެސް ދެފަހަރު ބެސްޓް ބައި މޯލްޑިވްސް އިން ކުރިއަށްގެންދާ މާސްޓާ ކްލާހަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުންނަށް އާ ކަންތައްތައް ދަސްކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
ބެސްޓް ބައި މޯލްޑިވްސް އިން ބުނީ މާސްޓާ ކްލާހަކީ އަންނަ މަހު ބާއްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަނުގައި ބައިވެރިވާ ޝެފުންނަށް ވެސް އިތުރު ކުރިއެރުމަކަށް ވާނެ ހަރަކާތެއް ކަމަށެވެ.