ދާދި ފަހުން އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ ހޭއަރައިފި އެވެ.

އައްޑޫ މަރަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އެ ހާދިސާގައި އަނިޔާވީ 55 އަަހަރުގެ ފިރިހެނަކަށެވެ.

އޭނާގެ ހާލު ސީރިއަސްކަމުން ފަހުން ވަނީ މާލެގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފަ އެވެ.

އައިޖީއެމްއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މިހާރު ހޭއަރައިފައިވާ ކަމަށެވެ. މީގެ ކުރިން މިއޮއްހާ ދުވަހު އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އަނިޔާވި މީހާ ވެންޓިލޭޓަރުން ނެގި ނަމަވެސް އަދި ވެސް އޭނާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

އެ ހާދިސާގައި އެކްސިޑެންޓްވި އަނެއް ސައިކަލް ދުއްވަން އިން މީހާ އެ ސަރަހައްދު ދޫކޮށް ފިލި ނަމަވެސް ފަހުން ހޮސްޕިޓަލަށް ފަރުވާއަށް އައުމުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.