29 Sep 2019, 16:10
އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ކުރިއަށް ގެންދާ ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ދަރުބާރުގޭގައި މިއަދު ފަށައިފިއެވެ.
އެކްސްޕޯ ފައްޓަވައިދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 13:30 ން ރޭގަނޑު 10:00 އަށެވެ. "ބިޒްނަސް އެކްސްޕޯ 2019" ގައި 80 ކުންފުންޏެއްގެ ސްޓޯލްތައް ވަނީ ބަހައްޓައިފައެވެ.
އޭގެ ތެރޭގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، އުރީދޫ، އެމްޓީސީސީ، ދަމާސް، އެލައިޑް އިންޝުއަރެންސް، އަދި މީޑިއާ ނެޓް ފަދަ ކުންފުނިތައް ހިމެނެއެވެ.
ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ފެށުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މި އެކްސްޕޯގެ ތެރެއިން ހަތަރު ސަމިޓެއް ކުރިއަށްދާނެއެވެ. އެގޮތުން މިއަދު ކުރިއަށް ދާނީ މޯލްޑިވްސް ޔަންގް އޮންޓަޕްރެނުއާސް ސަމިޓް އާއި މޯލްޑިވްސް ޓެކް ސަމިޓް އެވެ. މާދަމާ ކުރިއަށްދާނީ މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓާއި މޯލްޑިވްސް ވިމެން އޮންޓަޕްރެނުއާސް ސަމިޓެވެ.
މިއިން ކޮންމެ ސަމިޓެއްގައިވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި، އެ ދާއިރާތަކުން ތަޖުރިބާކާރު ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މެންދުރު 14:00 ގައި ފެށި މޯލްޑިވްސް ޔަންގް އޮންޓަޕްރެނުއާސް ސަމިޓްގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް، އިޔާޒް ވަހީދެވެ.
ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ފެށުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސަމިޓުގައި މިއަދު ވަނީ ދެ ޕެނަލް ޑިސްކަޝަންވެސް ކުރިއަށް ގެންގޮސްފައެވެ. އެ ޕެނަލްގައި ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކާއި އަލަށް ފަށައިގެން ކުންފުނިތަކުން ވަނީ އެފަރާތްތަކުގެ ތަޖުރިބާ އާއި ގޮންޖެހުންތަކާއި، ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އިރުޝާދުތަކެއް ވެސް ހިއްސާކުރިއެވެ.
މޯލްޑިވްސް ޓެކް ސަމިޓް ފެށުމުގެ ގޮތުން ވާހަކަ ދެއްކެވީ ރާއްޖޭގެ ފުރަތަމަ ހިއުމަން ރިސޯސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސްގެ ރައީސް ހުސައިން އަފީފް އެވެ.
މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.