ދިވެހި އާޓިސްޓެއްކަމަށްވާ ޝިމްހާގުގެ ކުރެހުން، އޭނާގެ ހުއްދައަކާ ނުލައި ބޭނުންކުރި މައްސަލައާ ގުޅިގެން ހޮލީވުޑްގެ ލަވަކިޔުންތެރިޔާ އެރަން ކާޓާ ގޮވައިގެން ކޯޓަށް ދިޔުމަށް ތައްޔާރުވެއްޖެ އެވެ.

ޝިމްހާގުގެ ޑިޖިޓަލް ކުރެހުމެއް، އެރަން ކާޓާ އޭނާގެ މާޗަންޑައިޒް އާއި އެނޫންވެސް ތަންތަނުގައި ބޭނުންކުރި މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އެރަން ކާޓާ އެ ކުރެހުން ބޭނުންކޮށްފައިވަނީ ޝިމްހާގުގެ ހުއްދައެއް ނުނަގައެވެ. އަދި އޭނާ ވަނީ އެ ކުރެހުމަކީ އޭނާގެ ކުރެހުމެއް ކަމަށްވެސް ބުނެފައެވެ.

އެ މައްސަލައާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތުދެމުން ޝިމްހާގު ބުނީ މިހާރު ބަލަމުން މިދަނީ އެ މައްސަލައާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމަށް ކަމަށެވެ.

އެހެންނަމަވެސް އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ޝިމްހާގު ހިއްސާކޮށްފައެއް ނުވެއެވެ.

ޝިމްހާގު ބުނީ އެރަން އަދިވެސް ދަނީ އޭނާގެ ވެބްސައިޓުގައި އެ ކުރެހުން ބޭނުންކުރަމުން ކަމަށެވެ.

އެރަން ކާޓާގެ ވެބްސައިޓް ---

ޝިމްހާގު 2014 ވަނަ އަހަރު އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ނިއޯން ސިންގާ ކުރެހުން، އެރަންގެ ވެބްސައިޓުގައި އަދިވެސް ބޭނުންކުރެއެވެ. އަދި އޭގެއިތުރުން އޭނާގެ ޓުއާ ޕޯސްޓަރުގައިވެސް އޭނާ ދަނީ އެ ފޮޓޯ ބޭނުންކުރަމުންނެވެ.

އެ ފޮޓޯ އަމިއްލަ ނަމުގައި ބޭނުންކުރާ މައްސަލަ ދާދިފަހުން ޝިމްހާގު ވަނީ ސޯޝަލް މީޑިއާގައި ފަޅާއަރުވާލާފައެވެ. އެއާއެކު އެރަން ކާޓާ ރައްދު ދީފައިވަނީ ވަރަށް ހުތުރު ބަހުރުވައިންނެވެ.

އޭނާގެ ބައެއް ފޭނުންވެސް ޝިމްހާގާ އެއްކޮޅަށް އަރައި އެރަން އަމަލު ކުރިގޮތް ކަމު ނުދާ ކަމަށް ވަނީ ބުނެފައެވެ. މައްސަލަ އިތުރަށް ގޯސްވުމުން އޭނާ ވަނީ އެ ފޮޓޯ ބައެއް މީޑިއާތަކުން ޑިލީޓްކޮށްފައެވެ.