29 Sep 2019, 15:34
ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ހަރަކާތް އިންތިޒާމް ކުރީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއިންނެވެ.
އެ ފެކަލްޓީގެ އިސް ބޭފުޅަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ހަރަކާތުގައި އަހުމަދިއްޔާ ސްކޫލުން ދަރިވަރުން އެ ސްކޫލަށް ޒިޔާރަތް ކުރައްވައި ޓޫރިޒަމް ދާއިރާއިން ކެރިއާއެއް ބިނާކުރުމާ ބެހޭގޮތުން މައުލޫމާތު ދީ ހެދި ކަމަށެވެ.
" އަޅުގަނޑުމެން މިކޮޅަށް ދަރިވަރުން ގެނެސް ދެން މި ދައްކާލިން މި ފެކަލްޓީން ކުރިއަށް ގެންދާ ކަލިނަރީ އާޓްސްގެ ތެރެއިން މޮކްޓެއިލްއެއް ހަދާގޮތް ދައްކާލަ ދީ ހެދިން" އޮފިޝަލް ވިދާޅުވިއެވެ.
އެ ހަރަކާތުގެ އިތުރަށް ބޮޑުބެރުގެ ހަރަކާތްތަކެއްވެސް ގައުމީ ޔުނިވާސިޓީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީއިން ދަނީ އެ ދާއިރާއާ ގުޅޭ ގިނަ ކޯސްތަކެއް ހިންގަމުންނެވެ. އެ ޔުނިވާސިޓީން ދާދި ފަހުން ވަނީ ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން ކްރޮސްރޯޑްސްއާއެކު އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.