ކޮލަމްބޯ (ސެޕްޓެމްބަރު 29): ސްރީލަންކާގައި ފާއިތުވި ދެ ދުވަސް ތެރޭ ހަތް އެތް މަރުވި މައްސަލައިގައި ސަރުކާރުން ޒިންމާ ނަގާނެ ކަމަށް އެ ގައުމުގެ ސްޓޭޓް މިނިސްޓާ އޮފް ވައިލްޑްލައިފް ރަންޖިތު އަލުވިހާރަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ވައިލްޑްލައިފް ޑިޕާޓްމެންޓުގެ ޑިރެކްޓާ ޖެނެރަލް ޗަންދަނާ ސޫރިޔަބަންޑާރަ ވިދާޅުވި ގޮތުގައި ފުރަތަމަ ހަތަރު އެތް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގައެވެ. އަދި އިތުރު ތިން އެތް މަރުވެފައި އޮއްވާ ފެނުނީ އިއްޔެ އެވެ.

ހަތް އެތްވެސް ދިރިއުޅެމުން ދިޔައީ ހަބަރަނަ ސިޓީ ކައިރީ އޮންނަ ހިރިވަދުންނަ ކިޔާ ފޮރެސްޓް ރިޒާވެއްގައެވެ. ސޫރިޔަބަންޑާރަ ވިދާޅުވި ގޮތުގައި އެތްތައް މަރުވި ސަބަބު ދަނީ ތަހުގީގުކުރެވެމުންނެވެ. އަދި މަރުވި އެތްތަކެއްގެ ޕޯސްޓްމޯޓަމް ހަދާފައިވާ އިރު، ވަގުތީ ރިޕޯޓުތަކުން ދައްކަނީ އެތްތަކަށް ވިހަ ދީފައި ހުރި ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު އަލުވިހާރަ ވަނީ އެތްތައް މަރުވި ރިޒާވަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އެ ހާދިސާ ހިނގާދިޔަކަން ވައިލްޑްލައިފް ޑިޕާޓްމެންޓުން ސަރުކާރަށް އަންގާފައި ނުވާކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރެއްވިއެވެ.

ވޯލްޑް ވައިލްޑްލައިފް ފައުންޑޭޝަނުން ބުނާ ގޮތުގައި 19 ވަނަ ގަރުނުގެ ފަހުން ލަންކާގެ އެތުގެ އާބާދީ ވަނީ 65 ޕަސެންޓު ދަށްވެފައެވެ. އަދި މިދިޔަ އަހަރު ކަރަންޓުގައި ޖެހިގެންނާއި ރޭލު އެކްސިޑެންޓުގައާއި ގޮވާތަކެތި ހަރުކޮށްފައިވާ ދަންތުރައިގައި ޖެހިގެންނާއި ބަޑި ޖެހުމުގެ ސަބަބުން އެގައުމުގެ 300 އެތް މަރުވެފައިވާ ކަމަށް ސަރުކާރުގެ ލިޔުންތަކުން ދައްކާ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

އެތަކީ ލަންކާގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. އަދި ގަސްތުގައި އެތް މަރާ މީހަކު ޖޫރިމަނާކޮށް، ޖަލަށް ލެވޭނެއެވެ.