ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ "ކޮންޓްރޮވާޝަލް" އުފެއްދުން ކަމަށް ބުނާ "ހަތަރު ހަޅަ" އަންނަ މަހު ބައިސްކޯފުން ދައްކަން ފެށުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ކޮންޓެންޓް ސްޓްރީމިން ސާވިސް ބައިސްކޯފުން ބުނެފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތަރު ހަޅަ، ބައިސްކޯފުން ސްޓްރީމް ކުރެވޭނެ ކަމަށެވެ.

މީގެ ހަ ވަރަކަށް އަހަރު ކުރީން ޕްރޮޑަކްޝަން ފެށި ހަތަރު ހަޅަ ފިލްމަކީ އެންތޯލޮޖީ ފިލްމެކެވެ. ތަފާތު ހަތަރު ވާހަކައެއް ދައްކުވައިދޭ އެ ފިލްމަކީ މުހައްމަދު ފުއާދު (ފޯޑު)ގެ ޕްރޮޑަކްޝަނެކެވެ.

އެ ފިލްމުގައި ހިމެނޭ ހަތަރު ވާހަކައަކީ ތަފާތު ހަތަރު ޑައިރެކްޓަރެއްގެ މަސައްކަތެވެ. އެގޮތުން އެ ފިލްމުގެ ޑައިރެކްޓަރުންގެ ތެރޭގައި ރަވީ ފާރޫގާއި އަބްދުލް ފައްތާހާއި އަލީ ޝިފާއު އަދި މޫމިން ފުއާދު ހިމެނެއެވެ.

ފިލްމުގެ މަސައްކަތް 2013 ވަނަ އަހަރު ފެށިއިރު އެކި ސަބަބުތަކާހުރެ ފިލްމުގެ މަސައްކަތް ނިމުމަށް ގިނަ ދުވަސްވިއެވެ. ހަތަރު ހަޅައަކީ މިހާތަނަށް އާންމުންނަށް ފެނިފައިވާ ފިލްމެއް ނޫނެވެ.

ބައިސްކޯފުން ބުނާގޮތުގައި ހަތަރު ހަޅައަކީ ރާއްޖޭގައި މިހާތަނަށް އަޅުވާ އެންމެ ކޮންޓްރޮވާޝަލް ޕްރޮޑަކްޝަނެވެ. ތަފާތު ހަތަރު ވާހަކަ އެ ފިލްމުން ފެނިގެންދާއިރު އެ ހުރިހާ ވާހަކަތަކަކީވެސް ސަސްޕެންސް ވާހަކަތަކެވެ.

ހަތަރު ހަޅަ ފިލްމުގެ މުހިންމު ރޯލުތަކުން މަރިޔަމް ޝަކީލާ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ފާތުމަތު ފަރީލާ އަދި ނިއުމާ މުހައްމަދު ފެނިގެންދާނެއެވެ.