29 Sep 2019, 09:28
އާޓިފިޝަލް ބީޗު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ނުނިމި އޮތީ އެތަނުގެ ފްލޯރިންގެ މަސައްކަތް އެކަނި ކަމަށް އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ބީޗުގެ ފްލޯރިން މަސައްކަތް ނުނިމި އޮތީ ޕްލޭނަށް ބަދަލު އައިސްގެން ކަމަށެވެ.
"އެންމެ ފުރަތަމަ ނިންމާފައި އޮތީ ފްލޯރިން ޕްލޭންކްސް އެޅުމަށް. ޕްލޭންކްސް ގެންނަން ހަވާލު ކުރި ކުންފުނިން ޑެލިވަރީގައި ލަސްކަމެއް އުޅޭތީ މިހާރު ޕްލޭނިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ޕްލޭންކްސް ނާޅާ ގޮތަށް ހަމަޖައްސާފައި އޮތީ،" ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އެ ސަރަހައްދުގެ ފްލޯރިން އަށް ދެން ގެންނަން ޖެހޭ ބަދަލަކާމެދު ޕްލޭނިން މިނިސްޓްރީ އާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މަޝްވަރާތަކަށް ފަހު ވަކި ގޮތެއް ނިމުމުން ފްލޯރިންގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އެއާ އެކު ބީޗު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ނިންމާލެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޓިފިޝަލް ބޯޗު ތަރައްގީކޮށްފައި ވަނީ ހިތްހަމަ ޖައްސާލުމަށް އިށީނދެވޭނެހެން ހުސް ޖާގަތައް ބޮޑުކޮށެވެ. އެސަރަހައްދުގައި ގިނަ އަދަދެއްގެ ރުކާއި ގަސް ވެސް އިންދާފައިވާއިރު ޖޯއްޔާއި އުނދޯލި ވެސް ވަނީ ބަހައްޓައިފަ އެވެ.