29 Sep 2019, 08:49
މި ސަރުކާރުގެ ދުވެލި ލަހެއް ނޫން ކަމަށާއި އެހެން ސަރުކާރުތަކަށްވުރެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ އަހަރު މާ ކާމިޔާބު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް ނުވަ މަހަށްވުރެ ގިނަ ދުވަސް ގުނަމުންދާއިރު، ސަރުކާރުގެ ދުވެލި ލަސްކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔުން އަމާޒުކޮށްފަ އެވެ.
ރޭ ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ވޭތުވެދިޔަ ތިން ސަރުކާރުގެ ދައުރުތަކުގެ ތެރެއިން ފުރަތަމަ އަހަރުގައި މި ސަރުކާރު މާ ކާމިޔާބު ކަމަށެވެ.
"ސްޓެޓިސްޓް ބައްލަވާލެއްވީމަ ފެނިވަޑައިގަންނަވާނެ ވޭތުވެދިޔަ ތިން ރިޔާސީ ދައުރާ އަޅާ ބަލާއިރު، މިހާރުވެސް، މިއަދުވެސް، އަޅުގަނޑުމެން އެވޯޑު ކުރާ ޕްރޮޖެކްޓްތަކާއި، އަދި މަސައްކަތް ހިނގާފައި ހުރި ވަރަށް ބެލިޔަސް. ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު، އަޅުގަނޑުމެން މި ތިބީ 30 ޕަސަންޓަށްވުރެ މަސައްކަތުގެ ރޭޓް ކުރީގައި،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، އިންތިހާބު ކާމިޔާބުކުރުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދެއަހަރުގައި ވަރަށް ގިނަ މަޝްރޫއުތައް ހިންގި އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އަހަރު ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ އަހަރަށް ވުރެ "މާ ސްލޯ ވާނެ" ކަަމަށް ފައްޔާޒު ވިދާޅުވި އެވެ.
މި ސަރުކާރުން ކަން ކުރާނީ ވަރަށް ބޮޑަށް ރޭވިގެން ކަމަށާއި ރައްޔިތުންގެ ލޮލުގައި އަދުން އެޅުމަށް ކަންތައްތައް ނުކުރާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ބާރު ދުވެލީގައި އެތައް ތަނެއްގެ މަސައްކަތް ފެށިގެންދާތަން ހަމަ ލޮލަށް ފެންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިއަދު ސަރުކާރުގައިވެސް ތިބީ އެމްޑީޕީއިން ކަމަށާއި ސަރުކާރު ޒިންމާދާރުކޮށް، އިދިކޮޅު ފަރާތްތަކުން އަދާ ކުރަން ޖެހޭ ޒިންމާވެސް އަދާކުރަން ޖެހެނީ އެމްޑީޕީ އެވެ.
"އިދިކޮޅު ފަރާތެއް ނެތް. އެ ބުރަ ވެސް އުފުލަން މި ޖެހެނީ އަޅުގަނޑުމެން [އެމްޑީޕީ އިން]،" ފައްޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީއަށް ލޯބި ކުރާ ޕާޓީއަކަށްވުމުން އެމްޑީޕީ ތެރެއިންވެސް ސަރުކާރު "އެކައުންޓަބަލް" ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކަށްވުރެ، މާ ޒިންމާދާރުކޮށް އަޅުގަނޑުމެން ގެ އެމްޕީސް [މަޖިލިސް މެމްބަރުން] އަދި ޕާޓީގެ މެމްބަރުން އެ ދަނީ. އެހެން އެ ވާހަކަ [ސަރުކާރު ލަސްވާ ވާހަކަ] އެ ދެކެވެނީ،" ފައްޔާޒު ވިދާޅުވި އެވެ.