ޕޯޓްލެންޑް (ނޮވެމްބަރ 14) : އެމެރިކާގެ މާލީ ނިޒާމްގެ މަރުކަޒު ކަމަށްވާ ވޯލްސްޓްރީޓް ހިފުމަށް ގޮވާލައި މުޒަހަރާކުރާ މީހުންގެ ތެރެއިން 4 މީހަކު މަރުވެފައިވާ މައްސަލަ ހޫނުވެއްޖެއެވެ. މުޒާހަރާކުރާ މީހުން ބުނިގޮތުގައި 4 މީހުން މަރުވީ ފުލުހުން އެކިފަހަރުމަތިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުންނެވެ. ނަމަވެސް އެމެރިކާގެ ފުލުހުން މިކަން ދޮގުކުރެއެވެ.

އެމެރިކާގެ ފުލުހުން ބުނަނީ މުޒާހަރާކުރާ މީހުން އަމިއްލައަށް ހަތިޔާރު ހަދައިގެން ހަރުކަށި އަމަލުތައް ހިންގަން މަސައްކަތް ކުރާކަމުގައެވެ. އެމެރިކާގެ ކެޕިޓަލިސްޓް ނިޒާމުގެ ލޭނާރު ކަމަށްވާ ވޯލްސްޓްރީޓާ ދެކޮޅަށް އާންމު ރައްޔިތުން މުޒާހަރާކުރަނީ އެމެރިކާގެ އިޤްތިސާދުގެ ބޮޑުބައެއް ވޯލްސްޓްރީޓްގެ ދަހިވެތި ކުންފުނިތަކާއި މުއްސަނދިކަން ހައްދުފަހަނަޅާފައިވާ މަދުބައެއްެގެ ކޮންޓްރޯލްގެ ދަށުގައި އޮތުމުގެ ސަބަބުން އެމެރިކާގެ އިޖްތިމާޢީ ޢަދާލަތު ގެއްލި މުއްސަނދިން އިތުރަށް މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުވަމުންދާ ބޭއިންސާފުގެ ނިޒާމު ރޫޅާލުމަށް އެދިއެެވެ.

މިކަން ހަޖަމުކުރުމުގެ ޤާބިލްކަން އެމެރިކާގެ ސަރުކާރަށް ލިބިފައިނުވާ ކަމަށާއި ސަރުކާރު ވަނީ މުއްސަނދި ކުންފުނިތަކުގެ ނުފޫޒުގެ ދަށުގައި ކަމަށް މުޒާހަރާކުރާ މީހުން ސިފަކުރެއެވެ. އެމެރިކާއަށް އިޖްތިމާއީ ޢަދާލަތުގެ އިންޤިލާބެއް ގެނައުމަށް ގޮވާލާ މިޙަރަކާތާ ދެކޮޅަށް އެމެރިކާގެ މީޑިޔާވެސް ޙަރަކާތްތެރިވާ ކަމަށާއި އެމެރިކާގެ މީޑީޔާއަކީ މުއްސަނދިން ކޮންޓްރޯލްކުރާ އަދި އެމީހުންގެ ގޮނޑިކޮށްކޮއެއް ކަމަށް މުޒާހަރާކުރާ އެކްޓިވިސްޓުން ސިފަކުރެއެވެ.

ވޯލްސްޓްރީޓް ހިފުމަށް ގޮވާލައި މުޒާހަރާކުރާ މީހުންގެ ތެރޭގައި ގިނައީ މުސްތަޤްބަލް ބަނަވެފައިވާ އެމެރިކާގެ މެދުފަންތީގެ ތަޢްލީމީ ޒުވާނުންނެވެ. އެމީހުން މިހާރު އެންމެ ވަރުގަދައަށް މުޒާހަރާ ކުރަމުން ގެންދަނީ އެމެރިކާގެ އޮރެގޮން ސްޓޭޓްގެ ޕޯޓްލެންޑް ގައެވެ. ޕޯޓްލެންޑްގެ ދެ ބަގީޗާއެއްގައި މުޒާހަރާކުރާ އެކްޓިވިސްޓުންވަނީ ފޭލިގެ ޖަހައި އެތާނގައި ފައިހަރުކޮށްލާފައެވެ. އެމީހުން ހައްޔަރުކުރުމަށް އެސްޓޭޓްގެ ފުލުހުން މިހާތަނަށް ކުރިމަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ.

އެމެރިކާގެ އެހެން ސްޓޭޓްތަކުގައިވެސް ކަންތައްތައްހުރި މިފަދަ ގޮތަކަށް ނަމަވެސް ވޯލްސްޓްރީޓް ހިފުމަށް ގޮވާލާ މަދަނީ ޢަދާލަތުގެ ޙަރަކާތްތައް ރޫޅާލުމަށް ބައެއް ސްޓޭޓްތަކުގެ ފުލުހުންނާއި ފެޑްރަލް ފުލުހުން ބާރުގެ ބޭނުންކޮށްފައިވެއެވެ. މިޙަރަކާތާއި އެމެރިކާގެ ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި 4 އެކްޓިވިސްޓަކު މިހާތަނަށް މަރުވެފައިވާތީ މިޙަރަކާތަށް ރައްޔިތުންގެ ހަމްދަރްދީ ލިބި މިހަރަކާތް އިތުރަށް ފުޅާވަމުންދާ ކަމުގެ ބިރު ދަހިވެތި ކުންފުނިތަކާއި އެމެރިކާ ސަރުކާރު އިޙްސާސްކުރާ ކަމަށް އެކްޓިވިސްޓުން ބުނެއެވެ.
ވޯލްސްޓްރީޓް ހިފުމަށް ގޮވާލައި މުޒާހަރާކުރާ އެމެރިކާގެ ރައްޔިތުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ގިނަވެ މިކަންދަނީ އެމެރިކާގެ މުޖްތަމަޢުގައި ވައިގައި ހިފަމުންނެވެ. މިމުޒާހަރާ ތަކުގެ ސަބަބުން އެމެރިކާގެ "ކަޅުފަރާތް" ދުނިޔެއަށް ހާމަވެ ހައްދުފަހަނަޅާފައިވާ އެމެރިކާގެ ދަހިވެތި ރައުސްމާލީ ނިޒާމުގެ ޙަޤީޤަތް ދުނިޔެއަށް ބޭޒާރުވަމުންދާތީ އެމެރިކާ ސަރުކާރާއި ކުންފުނިތަކާއި މީޑިޔާވެސް ކަންބޮޑުވެފައިވާ ކަމަށް މުޙައްލިލުން ދެކެއެވެ. -- ނޫސްއެޖެންސީތައް