އިމިގްރޭޝަން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެނިކޮށް ޑީޕޯޓުކުރި ދެ ބިދޭސީން ޑީޕޯޓުކުރުމުގެ ބަދަލުގައި ހައްޔަރުކޮށް، ތަހުގީގު ކުރިނަމަ މާ ރަނގަޅުވީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެ، ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކޮށް، ވިޔަފާރިކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ "މާސްޓަރެއް" މި މަސް ތެރޭ އިމިގްރޭޝަނުން ޑީޕޯޓުކުރިއެވެ. އެއާއެކު އެމީހުން ހައްޔަރުކޮށް، ތަހުގީގު ނުކުރުމުން ސަރުކާރަށް ފާޑުކިޔުންތައް ކުރިމަތިވިއެވެ.

ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޑިޕޯޓުކުރި ދެ ބިދޭސީންނަކީ ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް އަމަލުކުރަމުން ދިޔަ ދެ ބިދޭސީން ނަމަ، އެ ބިދޭސީން ޑިޕޯޓު ކުރުމުގެ ބަދަލުގައި ހައްޔަރުކޮށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

"އަސްލު ވަރަށް ރަނގަޅުވީސް އެމީހުން [ޑީޕޯޓުކުރި ދެ ބިދޭސީން] ހައްޔަރުކޮށްގެން އެމީހުންނާ ގުޅުންހުރީ ދެން ކޮން ބިދޭސީންނެއްތޯ ނުވަތަ ދިވެއްސެއްނަމަ ކޮން ދިވެއްސެއްތޯ ބަލާލެވުނު ނަމަ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އެ މީހުން ގިނަ އަހަރުތަކެއް ވަންދެން އެފަދަ ކަންކަމުގައި ޝާމިލުވެ އުޅޭއިރު، އެހެން ބައެއްގެ ބައިވެރިވުން އޭގައި ނުހިމެނުމަކީ ނާދިރު ކަމެކެވެ. އަދި ތަހުގީގުނުކޮށް ޑީޕޯޓުކޮށްލުމުގެ ސަބަބުން އެކަމުގެ އިތުރު މައުލޫމާތު ހޯދުމުގެ ފުރުސަތު ގެއްލިފައި ވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ގާނޫނާ ހިލާފުވެގެން އާދައިގެ ބިދޭސީން ޑީޕޯޓުކޮށްލުމަކީ މައްސަލައެއް ނޫން. އެކަމަކު ބޮޑުންގެ ގޮތުގައި ފާހަގަކުރާ މީހުން އަޅުގަނޑުމެން އެބަ ޖެހޭ ތަހުގީގުކޮށް ބަލަން، ދެން މޫލާފައި ހުރީ ކިހާވަރަކަށްތޯ ބަލަން،" ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 އަށް ވުރެ ގިނަ ބިދޭސީން އުޅެއެވެ. ސަރުކާރުން މިހާރު ވަނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެނައުމުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މިހާރު ގަވައިދާ ހިލާފަށް ތިބި ބިދޭސީންނަށް ދެވަނަ ފުރުސަތެއްދީ، އެފަދަ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.