ބިދޭސީންގެ ދިގު ކިއުތަކަށް ހަލެއް ހޯދުމަށް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް އިތުރު ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމަށް އިއުލާން ކުރުމާއެކު، ކުރީގެ ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި ރޭގަނޑުން ފެށިގެން ދިގު ކިޔޫ ޖައްސަމުން ދެއެވެ. އެކަށީގެންވާ ވަރަށް ވަސީލަތް ނެތުމުން މިނިސްޓްރީން ދުވާލަކަށް ދޫކުރަމުން އަންނަނީ، 100-150 ކިއު ނަންބަރެވެ.

މިރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ކަންކަން އެންމެ ފުރަތަމަ ފަށައިގެން ކުރިއަށް ގޮސްފައިވަނީ އެންމެ ރަނގަޅަކަށް ނޫންކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މިނިސްޓްރީންވެސް މަސައްކަތް ކުރީ، މިނިސްޓްރީގެ ވަސީލަތްތައް ހުންނަ މިންވަރަކުން ކަމަށެވެ.

"މިހާރުވެސް އިތުރު ސެންޓަރެއް [ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރައްޖިސްޓްރީ ކުރުމަށް] ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، މިހާރު ބިދޭސީން ދިގު ކިއު ޖެހުން ހައްލުވެ، އިތުރަށް އެ މައްސަލަ ދިމާ ނުވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީ އޮފީސް ކައިރީގައި ބިދޭސީންތަކެއް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތު ދިނުމުގެ ޕްރޮގްރާމް ހިންގާނީ މާލޭގައި އެކަނި ނޫން ކަމަށާއި މުޅި ރާއްޖެއަށް އެ މަސައްކަތް ފުޅާ ކުރާނެ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުން ބިދޭސީންގެ މައްސަލައަކީ މީގެ 30 އަހަރު ކުރިން ވެސް ރާއްޖޭގައި އޮތް މައްސަލައެކެވެ. އެކަން ދުވަހެއް ދުވަހަކަށް ބޮޑުވެ، މިހާރު "ބޮއްސުންލާ" ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މަސައްކަތް ފެއްޓެވި ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.

"އޭރުވެސް 19،000 ބިދޭސީން ރަޖިސްޓްރީ ކުރެވުނު. އެއީ އޭރަށްވުރެ، ބޮޑު އަދަދެއް. ނަމަވެސް ސަރުކާރު ބަގާވާތަކުން ވެއްޓިގެން ދިޔާއިމަ ނަތީޖާ ފެނިގެން ނުދިޔައީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުމަކީ ބިދޭސީން ވަޒީފާގައި ތިބުމެއް ނޫން ކަމަށެވެ. ނަމަަވެސް ގަވައިދާ ހިލާފަށް އުޅުމާއި ވިޔަފާރިތަކަށް ބިދޭސީން ވަނުމަކީ، ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ބިދޭސީން ރާއްޖެއިން މަދު ނުކުރެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ފައްޔާޒު މިރޭ ވެސް ތަކުރާރު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭ އިގްތިސޯދު ބޮޑުވުމުން ހުރިހާ ދިވެހިން ވަޒީފާއަށް ނުކުތަސް، ހަމަ އެދަދަށް އަދަދަށް ބިދޭސީން ބޭނުންވާ ކަމަށެވެ.

"ނަމަވެސް ގާނޫނަށް އިމުގެ ތެރޭގައި އާއި ބިދޭސީން ހުއްދަ ނެތް ވިޔަފާރި ނުކުރުމާއި މިކަންކަން ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އިރާދަކުރެއްވިޔާ ކުރާނަން،" ފައްޔާޒު ވިދާޅުވިއެވެ.