28 Sep 2019, 22:56
ރިސޯޓެއްގައި އޮތް ކޮޅުވެއްޓިއެއްގެ ދަގަނޑު ބައެއް ޖެހި އެ ކޮޅުވެއްޓީގައި ތިބި ތިން ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 18:43 ހާއިރު އދ. ތުނޑިފުށީ ރިސޯޓްގައި އޮތް ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރި ތިން ބިދޭސީން ފިރިހެނުން އަނިޔާވި ކަމަށާއި އެމީހުންނަށް އިތުރުފަރުވާއަށް އދ. އަަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އދ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސް ހޭވެސް ނެތް ކަމަށެވެ. އެމީހުން މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ. މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ އެކްސިޑެންޓްގައި އެކެއްގެ އިނގިލިތައްވަނީ ޗިސްވެސްވެފައެވެ. އަދި އަނެއް ދެމީހުންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުންވެސް ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ކޮޅުވެއްޓީގެ ރޭމްޕް ހިއްލުމަށް ޗެއިން ބްލޮކް ބޭނުންކުރިއިރު އޭގެ އެއްފަޅި ފެއިލްވެގެން ކަމަށެވެ. އަދި އެ ވަގުތު އެ ތިން މީހުން ތިބީ ރޭމްޕް މަތީގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ރޭމްޕް ފެއިލްވެ އޭގައި ތިބި ތިން މީހުން ވިއްސައިގެން ގޮސް ބޯޓުގެ ދަގަނޑު ބައެއްގައި ޖެހުނު ކަމަށެވެ.