13 Nov 2011, 23:39
އަންކަރާ (ނޮވެމްބަރ 13) : ވެއްޓިފައިވާ އިސްރާއީލުގެ ޖާސޫސީ މަތިންދާޓެއްގެ ބައިތަކެއް ތުރުކީގެ ހުޅަނގު ދެކުނުގެ ކަނޑުގެ ސަރަޙައްދުން ފެނިއްޖެވެ.
ތުރުކީގެ "ޔަނީ ޝަފަޤު" ނޫސް ބުނިގޮތުގައި އެޤައުމުގެ ސިފައިން މިކަންގެންދަނީ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤް ކުރަމުންނެވެ. ތަޙްޤީޤް ތަކުން، މިއީ އިސްރާއީލުގެ "ހީރޮން" މަރުކާގެ މަތިންދާބޯޓެއްގެ ބައިތަކެއްކަން ހާމަވެފައިވާ ކަމަށާއި އިސްރާއީލުގެ ޖާސޫސީ މަތިންދާޓެއްގެ ބައިތަކެއް ތުރުކީގެ ސަރަޙައްދުން ފެނުމަކީ އެތަކެއް ސުވާލެއްއުފެދޭ ކަމެއް ކަމަށާ މިއީ ސީރިއަސް މައްސަލައެއްކަމަށް ތުރުކީގެ މަސްއޫލުވެރިންނާ ޙަވާލާދީ މި ނޫސް ބުނެއެވެ.
ތުރުކީގެ 9 މީހަކު މިދިޔަ އަހަރު އިސްރާއީލުން މަރާލި މައްސަލާގައި ތުރުކީން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި އިސްރާއީލު އެކަހެރިކުރަން މަސައްކަތްކުރުމުން އިސްރާއީލުވަނީ ތުރުކީގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީ.ކޭ.ކޭ ޖަމާޢަތަށް އެހީވާނެކަމުގެ އިންޒާރުދީފައެވެ. ތުރުކީއާދެކޮޅަށް އިސްރާއީލުން ޖާސޫސުކުރިކަން ސާބިތުވެއްޖެނަމަ އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތުރުކީ ސަރުކާރުން ނިންމުމަކީ ވަރަށް ގާތްކަމެއް ކަމަށް ތުރުކީގައި މިއަދު ޝާއިޢު ކުރެވުނު މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ޕީ.ކޭ.ކޭ ޖަމާޢަތަށް އިސްރާއީލު އެހީވެއްޖެނަމަ އިސްރާއީލާ ދެކޮޅަށް ވޭންދެނިވި ބަދަލެއް ހިފާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ނަމަވެސް ވެއްޓިފައިވާ އިސްރާއީލުގެ ޖާސޫސީ މަތިންދާޓެއްގެ ބައިތަކެއް ތުރުކީން ފެނުނު މައްސަލާގައި ތުރުކީގެ ރަސްމީ ފަރާތަކުން އަދި ބަޔާނެއް ދީފައެއްނުވެއެވެ. (ޤުސްދު ޕްރެސް)