16 Jun 2010, 14:27
19:00
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތާއި އިނާޔަތްތައް ކަނޑައެޅުމާ މެދު ގޮތެއް ނިންމުން މަޖިލީހުގެ ކޮމެޓީއަކަށް މިއަދު ދޫކޮށްލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މެޖޯރިޓީ ލީޑަރު ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި މައިނޯރިޓީ ލީޑަރު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ހައިސިއްޔަތާއި އިނާޔަތްތައް ދެއްވުމާ މެދު ގޮތެއް ނިންމަވާނީ މަޖިލީހުގެ ކޮމެޓީގައި ދިރާސާ ކުރެއްވުމަށް ފަހު އެ ކޮމެޓީން ކަމަށެވެ.
މަޖިލީހުގެ ރައީސް މިކަން ކޮމިޓީއަކަށް ފޮނުއްވެވުމަށް ނިންމަވާފައި މި ވަނީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަކީ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން ކަމަށް މިދިޔަ ހޯމަ ދުވަހު އިއުލާން ކުރައްވައި، އެ ދެބޭފުޅުންނަށް ކާރާއި ދިދަޔާއި އިނާޔަތްތައް ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ސިޓީފޮނުއްވުމާ ގުޅިގެން މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރުންނަށް ވަކި އޮފީސް ދިނުމާއި، ދިދަޖެހި ކާރުދީ، އެބޭފުޅުންގެ ހައިސިއްޔަތު ވަޒީރުންނާ ހަމަކުރުމަކީ، ހަމަހަމަ ދަރަޖައެއްގައި މަގާމާއި ޢިނާޔަތް އޮންނަ ބައެއްގެ ތެރެއަށް، ޤާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަ ނުކުރާ، އެނގެންނެތް ތަފާތެއް ގެނައުން ކަމަށެވެ.
އަދި މަޖިލީހުގެ ގަވާއިދުގައި މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ވަކި ހައިސިއްޔަތެއް ދީފައި ނުވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް އިނާޔަތެއް ދޭ ނަމަ އެކަން ކަނޑައަޅާނީ މަޖިލީހުން ކަމަށް ގާނޫނު އަސާސީގެ 102 ވަނަ މާއްދާ ބުނާއިރު، މަޖިލީހުން ކަމެއް ކަނޑައެޅުން ކަމަށް ވަނީ، މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅި ވޯޓަކުން އެ ކަމެއް ނިމުމުން، ނުވަތަ މަޖިލީހުގެ ކޮމެޓީއަކަށް ގާނޫނު އަސާސީން ނުވަތަ މަޖިލީހުން ނުވަތަ މަޖިލީހުގެ ގަވާއިދުން ދީފައިވާ ބާރެއްގެ ދަށުން ނިންމާ ނިންމުމެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.