ސަރުކާރުން ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީ އަށް އެވޯޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުންފުންޏަށް ގެއްލުންވަމުންއައި ނަމަވެސް ޖުލައި މަހުން ފެށިގެން ގިނަ ޕްރޮޖެކްޓުތަކަކާ ކުންފުނިން ހަވާލުވެ، ކުންފުންޏަށް ފައިދާ ލިބެމުން އަންނަ ކަމަށެވެ.

"އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައި ޕްރޮޖެކްތުތައް މަދު. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު މާލީ ހާލަތު އޮތޯ ގޯސްކޮށް،" ޝާހު ވިދާޅުވީ ސަރުކާރުގެ އެއްބާރުލުމާ އެކު ޖުލައި މަހުން ފެށިގެން ކުންފުންޏަށް ފައިދާ ވަމުން އަންނަ ކަމަށެވެ.

"އަހަރުގެ ފުރަތަމަ ކުއާޓަރާ ދެވަނަ ކުއާޓަރުގައި ލިބުނު ޕްރޮޖެކްޓުތައް ވެސް މަދު. އެކަމަކު އަޅުގަނޑުމެން މިނިސްޓްރީތަކާއި ރައީސް އޮފީހާ މަޝްވަރާކޮށް އެމްޓީސީސީ އަށް ގިނަ ޕްރޮޖެކްޓުތަކެއް ވަނީ ލިބިފައި،"

ޝާހު ވިދާޅުވީ ކުންފުނީގެ ތާރީހުގައި ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ގިނަ ޕްރޮޖެކްޓުތަކެއް ލިބިފައިނުވާ ކަމަށެވެ.

ކުންފުނީގެ ޕްރޮޖެކްޓުތައް އަވަހަށް ނިންމުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތް ފެށުމަށް ފަހު އަލުން ރައްޔިތުން ބޭނުންވެގެން ޕްރޮޖެކްޓުގެ ޑިޒައިނަށް ބަދަލު ގެނައުމަށް މަސައްކަތް މެދުކަނޑާލަން ޖެހުން ކަމަށް ޝާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ނިންމާފައިި އޮއްވާ ވެސް ރައްޔިތުން އެކިކަހަލަ ބަދަލުތައް ގެންނަން ބޭނުންވެގެން ސަރުކާރުގައި ދެންނެވީމާ، މަސައްކަތްތައް މަޑުޖައްސާލާފައި ހުންނާނެ. ރައްޔިތުންގެ އަޑު އަހާ ސަރުކާރުގެ އެދުމުގެ މަތިން ރައްޔިތުން ބޭނުންވާ ބަދަލުތައް ވެސް ގެނެސްދެން،" ޝާހު ވިދާޅުވި އެވެ.

މިހާރު އެމްޓީސީސީ އިން 38 ޕްރޮޖެކްޓު ކުރިއަށްގެންދާ އިރު މިހާތަނަށް 17 ޕްރޮޖެކްޓެއް މި އަހަރުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މި ސަރުކާރުން ހަވާލުކުރި ހަތަރު މަޝްރޫއެއް ވެސް ހިމެނެ އެވެ.

މިއަހަރު އެވޯޑު ކުރި މަޝްރޫއުތަކުގެ ތެރެއިން ނިންމާފައިވާ މަސައްކަތްތައް

އއ. ރަސްދޫ ފެނުގެ މަޝްރޫއު

ހއ. ހޯރަފުށި ބިންހިއްކުން

ރ. ވަންދޫގެ ދެ ޕްރޮޖެކްޓެއް

އެމްޓީސީސީ އިން މިހާރު ކުރިއަށް ގެންދާ ބައެއް މަޝްރޫއުތައް:

ހދ. ކުޅުދުއްފުށީީ ބަނދަރުގެ މަސައްކަތް

ހއ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް

ޏ. ފުވައްމުލަކު މަގުހެދުމުގެ މަސައްކަތް

އދ. ހިމަންދޫ ބަނދަރުގެ މަސައްކަތް (41 ޕަސެންޓް ނިމިފައި)

ލ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތް

ވ. ކެޔޮދޫ ބަނދަރުގެ މަސައްކަތް (62 ޕަސެންޓް ނިމިފައި)

ނ. ހެނބަދޫ ބަނދަރުގެ މަސައްކަތް

ހއ. ކެލާ ބަނދަރުގެ މަސައްކަތް

ތ. މަޑިފުށި ބަނދަރުގެ މަސައްކަތް

ގދ. މާވާރުލު އެއާޕޯޓުގެ މަސައްކަތް

އެމްޓީސީސީ އިން ބުނީ އެ ކުންފުންޏާ މިހާރު ހަވާލުކުރާ ގިނަ މަޝްރޫއުތަކަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރާ މަސައްކަތްތައް ކަމަށެވެ. މިހާރު އެވޯޑުކޮށްފައިވާ މަޝްރޫއުތަކުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރާ ހަމައަށް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުންޏެވެ. މިހާރު ވެސް 19 ޕްރިޖެކްޓެއްގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެކުންފުނިން ބުންޏެވެ.

"ޖުމްލަ 38 ޕްރޮޖެކްޓު އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފައި. އޭގެ އިތުރުން ހޮސްޕިޓަލް ޑިޒައިން ކުރުމުގެ ހަތް މަސައްކަތެއް އެބައޮތް އެވޯޑްކޮށްފައި،" އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ އެމްޓީސީސީގެ މަސައްކަތް ލަސްކަމަށް ބައެއް ފަހަރު ފާހަގަ ވެފައި ހުރެދާނެ ކަމަށާއި ހާއްސަކޮށް މަގުހެދުމުގެ ޕްރޮޖެކްޓުތައް ލަސްކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ ސްޓޯމް ވޯޓާ ޕައިޕްތައް ރާއްޖެ އައުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ސްޓޯމް ވޯޓާ ޕައިޕްތައް ރާއްޖެ އައުމުގެ ކުރިން އެ ހޮޅިތަކަށް ބޭނުންވާ ޓޭންކުތައް ބަހައްޓަން މަސައްކަތް ކުރާ ކަމަށެވެ.