މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި އަމަލު ކުރަން ޖެހޭ ވަންވޭ އުސޫލުތަކަށް ބަދަލު ގެނެސް އެ ބަދަލުތަކަށް އަމަލުކުރަން ފަށައިފި އެވެ.

އެ ބަދަލުތައް ގެނައީ މި މަހު ތިން ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުންގެ 74 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު އެ ކައުންސިލްގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ ކައުންސިލް މެންބަރު އަހުމަދު ޒަމީރެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އަލިކިލޭގެފާނު މަގު، ހުސްނުހީނާމަގު އަދި ފާށަނާކިލޭގެފާނުމަގު ކުރިން އޮތް ގޮތަށް ވަންވޭ އަށް ބަދަލު ގެނައުމަށް ސިޓީ ކައުންސިލް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހެންވޭރު ޕެޓްރޯލް ޝެޑް ކައިރީގައިވާ ދެ މަގު (ކޮއިމަލާ ހިނގުން، ތަރާނާ ގޯޅީ)ގެ ޓްރެފިކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މިހާރު އަލިކިލެގެފާނު މަގު ދެކުނުން އުތުރަށް ވަންވޭއަށް ދުއްވާ ގޮތަށް ހަމަޖައްސާފައިވާއިރު ހުސްނުހީނާ މަގު އުތުރުން ދެކުނަށް ދުއްވާ ގޮތަށް ވަނީ ހަދާފަ އެވެ. އަދި ދަރުމަވަންތަ މަގުގައި ދުއްވޭނީ ހުޅަނގުން އިރަށެވެ.

އޭގެ އިތުރުން ހިތަށް ފިނިވާމަގު، ހުސްނުހީނާމަގާއި ނޫރާނީ ގޯޅިއާ ދެމެދު ދެކޮޅަށް ދުއްވާ މަގަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ޝަހީދުކުޑަ އާދަމް ކުޑަތުއްތު ހިނގުން، ލިލީ މަގާއި ދަރުމަވަންތަ މަގާ ދޭތެރެ ވަނީ ދެކޮޅަށް ދުއްވާ މަގަކަށްވެސް ބަދަލުކޮށްފަ އެވެ.

ހިލާލީ މަގު، ބުރުޒު މަގާއި އަމީނީ މަގާއި ދޭތެރޭގައި ވެސް ދެކޮޅަށް ދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސައިފަ އެވެ.