ވޮޝިންގޓަން (ނޮވެމްބަރ 13) : މެދުސައިޒްގެ އެސްޓްރޮއިޑެއް (ޖައްވުގައި ދަތުރުކުރާ ހިލަގަނޑެއް) މިދިޔަ ބުރާސްފަތި ދުވަހު ދުނިޔެއާ ވަރަށް ގާތުން ދަތުރުކޮށްފައި ހިނގައްޖެ ކަމަށް ފަޒާގެ ދިރާސާތައްކުރާ އެމެރިކާގެ ޢިލްމުވެރިން ބުނެފިއެވެ.

އެމެރިކަން ސައެންސް ފައުންޑޭޝަންގެ ޢިލްމުވެރިން ބުނިގޮތުގައި "2005 ވައި،ޔޫ 55" ގެ ނަމުން ނަންދެވިފައިވާ މި އެސްޓްރޮއިޑަކީ ޑައިމީޓަރުގައި ހަތަރު ސަތޭކަ މީޓަރު ހުރި ހިލަގަނޑެއް ކަމަށާއި މިހިލަގަނޑު ދަތުރުކޮށްފައި ދިޔައީ ބިމާ އެންމެ 32 ހާސް ކިލޯމީޓަރު ކައިރިން ގަޑިއަކު 46،600 ކިލޯމީޓަރުގެ ބާރުމިނުގައެވެ.
މިއީ 1976 އަށްފަހު ދުނިޔޭގެ ބިމާ މިހާކައިރިން ހިލަގަނޑެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ނާސާ ގެ ޢިލްމުވެރިން ބުނާގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބިމުގެ ކައިރިން ދަތުރުކުރި ހިލަގަނޑަކީ (އެސްޓްރޮއިޑަކީ) ބިމުގެ ކައިރީގައިވާ އޯބިޓަކުން ވަކިއިންތިޒާމެއްގެ ދަށުން އަބަދުވެސް ދަތުކުރުކުރަމުންދާ ހިލަގަނޑެއް ކަމަށާއި މިއީ ވޭތުވެދިޔަ 200 އަހަރު ތެރޭގައި މިއެސްޓްރޮއިޑް ބިމާ މިހާގާތުން ދަތުރުކުރި ފަހަރު ކަމުގައެވެ.

ދުނިޔެ ނުވަތަ ބިން، އިރުގެ ވަށައިގެންވާ އޯބިޓެއްގައި ވަކި އިންތިޒާމެއްގެ ދަށުން ދަތުރު ކުރަމުންދާގޮތަށް މި އެސްޓްރއޮޑަކީވެސް އިރުގެ ވަށައިގެންވާ އޯބިޓެއްގައި ވަކި އިންތިޒާމެއްގެ ދަށުން ދަތުރުކުރަމުންދާ އަދި މި ސޯލާ ސިސްޓަމްގައި ހިމެނޭ ކުޑަ ޕްލެނެޓެއް ކަމަަށް ނާސާގެ ޢިލްމުވެރިން ސިފަކުރައްވައެވެ.

އެެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ބުމުގެ ކައިރިން ދަތުރުކުރި އެސްޓްރޮއިޑަކީ ބިމުގައިޖެހި މުޑިއަރާ ބާވަތުގެ އެސްޓްރޮއިޑެއް ނޫންކަމަށާ އެއެސްޓްރޮއިޑް ހޯދާފައިވަނީ އެމެރިކާގެ ޢިލްމުވެރިއެއް ކަމަށްވާ ރޮބަޓް މެކްމިލާން ކަމަށް ނާސާގެ ޢިލްމުވެރިން ބުނެއެވެ. ބިމުގެ ކައިރިން ދަތުރުކުރާ އެކިސައިޒްގެ 8500 އަށްވުރެ ގިނަ އެސްޓްރޮއިޑާއި ކޮމެޓާއި މިޓިއޯސް މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ޢިލްމުވެރިން ހާމަކުރެއެވެ. (އޭ.އެފް.ޕީ+އަލްޖަޒީރާ)