28 Sep 2019, 13:44
ވޮޝިންޓަން (ސެޕްޓެމްބަރ 28) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިއާ އާއި ސައޫދީ އަރަބިޔާ ގެ ލީޑަރުންނާ ފޯނުން ގުޅުއްވައި ދައްކަވާ ވާހަކަތައް ރެކޯޑު ކުރުމަށްޓަކައި އެމެރިކާ ޖާސޫސީ އިދާރާއަށް ސިއްރުން ހާއްސަ ނިޒާމެއް ވައިޓް ހައުސް ގައި ގާއިމްކޮށްފައިވާ މައްސަލައެއް ފަޅާއަރައިފި އެވެ.
ނަން ހާމަކުރަން ނޭދޭ ވައިޓް ހައުސްގެ ފަންނީ ބައެއް ފަރާތްތަކާ ހަވާލާދީ ނިޔުޔޯކް ޓައިމްސް އިން ބުނީ އެމެރިކާ ޖާސޫސީ އިދާރާއަށް ސިއްރުން ވައިޓް ހައުސް ގައި މިފަދަ ނިޒާމެއް ގާއިމްކޮށްފައިވާއިރު އެނިޒާމުން ރެކޯޑް ކުރަނީ ރަޝިއާ އާއި ސައޫދީ އަރަބިޔާ ގެ ލީޑަރުންނާ ގުޅުއްވައި ޓްރަމްޕް ފޯނުން ގުޅުއްވައި ދައްކަވާ ވާހަކަތައް އެކަނިކަމަށާ އެހެން ގައުމުތަކުގެ ލީޑަރުންނާ ފޯނުން ދައްކަވާ ވާހަކަތައް ރެކޯޑު ނުކުރާކަމުގައެވެ.
އެމެރިކާގެ ރަސްމީ ނިޒާމު އޮންނަ ގޮތުން އެމެރިކާގެ ރައީސް ބޭރު ގައުމުތަކުގެ ލީޑަރުންނާ ފޯނުން ގުޅުއްވައި ދައްކަވާ ވާހަކަތައް ރެކޯޑު ކުރުމުގެ ބާރު އޮންނަނީ އެމެރިކާގެ ޖާސޫސީ އިދާރާގެ ޚާއްސަ ޑިޕާޓްމަންޓަކަށެވެ. ގައުމީ ސަލާމަތާބެހޭ ބޭނުމަށް ކަމަށްވިޔަސް އެހެން ބޭނުމެއްގައި ކަމަށްވިޔަސް އެމެރިކާގެ ރައީސްގެ ވާހަކަތައް ސިއްރުން އަޑުއެހުމާއި އެވާހަކަތައް ރެކޯޑު ކުރުންފަދަ ކަންކަމަކީ އެމެރިކާގެ އެހެން އެއްވެސް އިދާރާއަކަށް ނޫނީ މުއައްސަސާއަކަށް ލިބިފައިވާ ބާރެއްނޫނެވެ.
މިމައްސަލަ ޓްރަމްޕަށް ކުރިމަތިވެފައި މިވަނީ ޓްރަމަޕް ޔުކްރޭންގެ ރައީސަކާ ގުޅުއްވައިގެން އެމެރިކާގެ ދަސްތޫރާ ޚިލާފު އަމަލެއް ހިންގެވި ކަމުގެ ތުހުމަތުގައި ޓްރަމްޕް، މަގާމުން ދުރުކުރުމުގެ ޕްރޮސެސް ފެށުމުގެ ގޮތުން އޭނާއާ ސުވާލުކުރުމުގެ މަސައްކަތްތަކެއް ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިދަނޑިވަޅުގައި ޓްރަމްޕްގެ ޣައިރު ގާނޫނީ އެހެންކަމެއް ކުރައްވާ ކަމުގެ މައްސަލަ ފެންމަތިވެގެން ދިޔުމަކީ އޭނާގެ "ރިހޭ ފައިގެ މައްޗަށް ފޮއި" ވެއްޓުންފަދަ ކަމެއްގެ ގޮތުގައި ނިޔުޔޯކް ޓައިމްސް އިން ވަނީ ސިފަކޮށްފައެވެ.
ޚާއްސަކޮށް އަޑި ނޭންގޭ ގުޅުންތަކެއް ޓްރަމްޕް ބާއްވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ރަޝިއާ އާއި ސައޫދީ އަރަބިޔާ ގެ ލީޑަރުންނާ ފޯނުން ގުޅުއްވައި ދައްކަވާ ވާހަކަތައް އެކަނި ރެކޯޑު ކުރާގޮތަށް ވައިޓް ހައުސް އިން ނިޒާމެއް ގާއިމް ކުރުމުން އުފެދޭ ސުވާލު ބޮޑު ކަމަށް ނިޔުޔޯކް ޓައިމްސް ބުނެއެވެ.
2016 ވަނައަހަރު އެމެރިކާގެ ނައިބު ރައީސް ކަމުގައި ޖޯ ބައިޑެން ހުންނެވި ދުވަސްވަރު އޭނާގެ ދަރިކަލުން ހަންޓާ ބައިޑެން ހުންނެވީ ޔޫކްރެއިންގެ ގުދުރަތީ ގޭސް އުފައްދާ ކުންފުންޏެއްގެ ބޯޑު މެމްބަރުކަމުގައެވެ.
އެދުވަސްވަރު އެކުންފުންޏާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަން އުޅުއްވި ޔުކްރޭންގެ ޕްރޮސެކިއުޓާ ޖެނެރަލް ކުއްލިގޮތަކަށް މަގާމުން ދުރުކޮށްފައިވާތީ ޔުކްރޭނުން އެކަންކުރީ ޖޯ ބައިޑެންގެ ނުފޫޒެއް އޮވެގެންތޯ ބެއްލެވުމަށް ޓްރަމްޕް ޔުކްރޭންގެ ރައީސާ ގުޅުއްވި ކަމަށާ އެއީ އެމެރިކާގެ ދަސްތޫރާ ޚިލާފު ކަމެއް ކަމަށް އިދިކޮޅު ޑިމޮކްރެޓިކް މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.
މިމައްސަލާގައި ސުވާލުކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ތައްޔާރުވާއިރު މިކަމާބެހޭ މައުލޫމާތު ދިނުމަށްޓަކައި ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ތިން ކޮމިޓީއަކަށް ހާޒިރުވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އަށް މިހާރުވަނީ އަންގާފައެވެ.
މިމައްސަލައާ ގުޅިގެން، ޓްރަމްޕް ޔޫކްރޭނަށް ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ކާޓް ވޯކާ ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޓްރަމްޕް ވަނީ ޖޯ ބައިޑެންގެ އިންތިޚާބީ ހައްގަށް ހުރަސްއެޅުމުގެ ބޭނުމުގައި ޔުކްރޭންގެ ރައީސް އާ ގުޅިގެން އޭނާ މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަކަށްވެސް ގާނޫނުން މަތީގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ ހައުސްގެ ރައީސާ ނެންސީ ޕެލޯސީ ވަނީ ޓްރަމްޕް، މަގާމުން ދުރުކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ފެށިކަން އިއްލާން ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)