ދިވެހި އާޓިސްޓެއްކަމަށްވާ ޝިމްހާގު ކުރެހި ކުރެހުމެއް، އޭނާގެ ހުއްދަނެތި ލަވަކިޔުންތެރިޔާ އޭރޮން ކާޓާ ބޭނުންކުރިކަން ފަޅާ އަރާފައިވަނިކޮށް އޭރޮންގެ އިންސްޓަގްރާމުން އެ ފޮޓޯ ޑިލީޓްކޮށްލައިފި އެވެ.

ޝިމްހާގު ބުނެފައިވަނީ އޭނާ 2014 ވަނަ އަހަރު ކުރެހި ސިންގާއެއްގެ ޑިޖިޓަލް އާޓު އެއްވެސް މީހަކަށް ވިއްކާފައިވެސް ނުވާނެ ކަމަށެވެ.

ނަމަވެސް އޭރޮން ބުނެފައިވަނީ އޭނާ އެ ފޮޓޯ ގަނެ އަމިއްލައަށް ބައެއް ބަދަލުވެސް ގެނެސްފައިވާ ކަމަށެވެ.

ޝިމްހާގު ޓެގުކޮށް މީހަކު ޓްވިޓާގައި އެވާހަކަ ހިއްސާކުރުމުން ގިނަ ދިވެހިންތަކެއް ވަނީ އޭރޮން އެ ފޮޓޯ "ވަގަށް ނަގާފައިވާ ކަަމަށް" ބުނެ އޭރޮން އަށް ރައްދުވެސް ދީފަ އެވެ. އޭނާ މިއަދު އިންސްޓަގްރާމުގައި ކުރިއަށްގެންދިޔަ ލައިވްގެ ތެރެއިން އެވާހަކަ ކޮމެންޓު ކޮށް މައްސަލަ ހޫނު ކުރުމުން އޭރޮން މިހާރު ވަނީ އެ ފޮޓޯ ޑިލީޓް ކޮށްލައިފަ އެވެ.

އޭރޮން، ޝިމްހާރުގެ ފޮޓޯ ވަގަށްނެގި މައްސަލަ އޭރޮންގެ ބައެއް ފޭނުންގެ ސަމާލުކަމަށްވެސް އައިސްފައިވާއިރު ބައެއް މީހުން ބުނާގޮތުން އޭރޮން އަކީ އަބަދުވެސް އެހެންމީހުންގެ މަސައްކަތުން ނާޖާއިޒު މަންފާ ހޯދާ މީހެކެވެ.

އޭރޮން މަސައްކަތްކޮށްފައިވަނީ އެ ފޮޓޯގައި ފެންނަ ސިންގާގެ ސިފައަށް ފަށު ފުލެއް ހަދައި އޭނާގެ ޖުވެލަރީ ވިޔަފާރީގައި ވިއްކުމަށެވެ. ނަމަވެސް މައްސަލަ ހޫނުވުމުން އޭނާ ބުނެފައިވަނީ އެކަން ކުރަން ދެން ނުވިސްނާ ކަމަށާއި އަމިއްލަ އެހެން ކުރެހުމަކަށް ބަލައި އެކަން ކުރިއަށްގެންދާނީ ކަމަށެވެ.