13 Nov 2011, 17:26
ކާށިދޫ ދާއިރާގެ ގޮނޑިއާ ބެހޭ ގޮތުން މެންބަރުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަ އަށް ހައްލެއް ހޯދުމަށް މަޖިލީހުގެ ރައީސް ކުރެއްވި މަސައްކަތް ކާމިޔާބުވެފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް ނުބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކާށިދޫ ދާއިރާގެ ގޮނޑިއާ މެދު މެންބަރުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައިގައި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވި ހުއްޓާލަން ޖެހިފައި ވާތީ އެކަން ހައްލުކުރެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތް ކާމިޔާބު ވެފައިނުވާ ކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ނުހޯދައި ޖަލްސާތައް ބާއްވަން ޖެހިއްޖެ ނަމަ ކުރިއެކޭ ވެސް އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ޖެހިދާނެތީ މާދަމާގެ ޖަލްސާ ވެސް ކެންސަލްކުރީ ކަމަށް އެބަޔާނުގައިވެ އެވެ.
މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފައި ވަނީ މާދަމާގެ ޖަލްސާގައި އިސްމާއިލް އަބްދުލް ހަމީދު ބައިވެރިވެވަޑައިގެންފި ނަމަ ޖަލްސާ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޕީޕީއެމް އިން ވެސް ބުނެފައި ވަނިކޮށެވެ.
އިސްމާއިލް އަބްދުލް ހަމީދު ކާށިދޫ ދާއިރާގެ މެންބަރުކަމުން ވަކިވެއްޖެ ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސް ކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރަށް މަޖިލީހުގެ ރައީސް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކާށިދޫ ދާއިރާގެ ގޮނޑިއާ މެދު މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެގެން އެތަކެއް ފަހަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވި ހުއްޓާލަންޖެހިފަ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒް ފާއިދާއެއް ހޯއްދަވައިދެއްވި ކަން ޝަރީއަތަށް ސާބިތުވެ ދޮޅު އަހަރަށް އަރުވާލުމަށް އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ.
އިސްމާއިލް އަބްދުލް ހަމީދު މެންބަރުކަމުން ވަކިވެއްޖެ ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުމެއް މާދަމާ ނޫން އަނެއް ދުވަހު 11:00 އަށް ސްޕްރީމް ކޯޓުގައި ވަނީ ޝެޑިއުލް ކޮށްފަ އެވެ.