28 Sep 2019, 09:41
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސްކޮށް، ވޯޓަށް އެހުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ބިލު ދިރާސާ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރިފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެ އެވެ.
މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނިކޮށް، ބިލު ވީހާ ވެސް އަވަހަކަށް ސަރުކާރުން ފާސްކުރުމަށް ބޭނުންވާތީވެ، މަޖިލީހަށް ބިލު ހުށަހެޅީ މި މަހު 12 ވަނަ ދުވަހު އެވެ. މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ބަލައިގަތް އެ ބިލު، ކޮމިޓީން ދިރާސާކޮށް ކޮމިޓީ ރިޕޯޓު ނިންމާފައި ވަނީ އިއްޔެ ރޭގަ އެވެ.
ކޮމިޓީގެ މުގައްރިރު ޝަރީފު ރޭ "ސަން" އަށް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިހާރު ބިލު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް އޮންނާނެ ކަމަށެވެ. އަދި ހޯމަ ދުވަހު ބިލަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ހޯމަ ދުވަހު ޖަލްސާ ބޭއްވާ ގޮތަށް އަދި އޮތީ. އެނޫން ގޮތަކަށް ބަދަލު ނުކުރާހާ ހިނދަކު ހޯމަ ދުވަހު ޖަލްސާ އޮންނާނެ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ކުރީ، އާންމުގެ ހިޔާލަށް ވެސް ހުޅުވާޅައިގެން ކަމަށާއި އޭގެ ފަހުން ކަމާ ގުޅުން ހުރި މުއަސާސާތަކާ ބައްދަލުކޮށް، އެ މުއައްސަސާތަކުގެ ހިޔާލާއި މަޝްވަރާ ވެސް ހޯދާފައިވާނެ ކަމަށެވެ.
"ކަމާގުޅުން ހުރި އެކްސްޕާޓުންގެ ހިޔާލާއި، އަދި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ފޮނުއްވި ކޮމެންޓްތަކާއި ހުރިހާ އެއްޗެއްގެ މައްޗަށް ރިއާޔަތްކޮށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު، މިހާރު ކޮމިޓީ ރިޕޯޓު ޝާއިއުކޮށްފައި އޮތީ،" ޝަރީފު ވިދާޅުވި އެވެ.
ބިލަށް ބަދަލު ގެނެސްފައި ވަނީ މިވަގުތު ރާއްޖޭގެ ހާލަތު ވަޒަންކޮށް، ވީހާ ވެސް އަވަހަކަށް ބިލު ފާސްކުރުމަށް ކޮމިޓީން ގަބޫލުކުރެވިގެން ކަމަށެވެ.
ސިއްރު ބައްދަލުވުންތަކަށް ފަހު، އެއް ހަފްތާ ދުވަހުގެ މަސައްކަތަށް ފަހު، ބިލަށް މާބޮޑެތި ބަދަލުތަކެއް ގެނެސްފައި ނެތް ނަމަވެސް، ކުދި ކުދި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ކުރިން ޓެރަރިޒަމްގެ ކުށުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެހެއްޓޭނެ ގޮތަށް ސަރުކާރުން ބިލު ހުށަހެޅި އިރު ހިމަނާފައިވީ ނަމަވެސް އެމާއްދާ ކޮމިޓީއިން ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ބުނެފައި ވަނީ 24 ގަޑިއިރު ތެރޭގައި އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގައި ވެސް ބުނެފައިވާ ގޮތެވެ. ބައެއް ކުށްތަކުގެ އަދަބުތައް ވެސް މިހާރު ވަނީ ކުޑަކޮށްފަ އެވެ.
އޭގެ އިތުރުން މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކުގެ މައުލޫމަތު ހިމެނޭ ސިއްރު ރިޕޯޓެއް ކޮންމެ ހަ މަހަކުން ރައީސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާ ކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ހޯމަ ދުވަހު ޖަލްސާ ބާއްވާނެ ކަމަށް ޝަރީފު ވިދާޅުވި ނަމަވެސް، އަދި މިހާތަނަށް މަޖިލިސް އިދާރާ އިން ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާންކޮށްފައި ނުވެ އެވެ.