ސައި ހެދުމުގައި އާންމުކޮށް ބޭނުންކުރަމުން އަންނަ ސައިފަތް ޕެކެޓުން ބިލިއަނެއްހާ ކުދިކުދި ނުވަތަ މައިކްރޯ ޕްލާސްޓިކް ބޭރުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކެނެޑާގެ މެކް ގިލް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ހޫނު ފެނަށް ސައިފަތްޕެކެޓް ލައިފައި ހުންނައިރު އޭގެން 11.6 ބިލިއަން މައިކްރޯޕްލާސްޓިކާއި 3.1 ބިލިއަން ކުދިކުދި ނޭނޯ ޕްލާސްޓިކް ލީކްވެެގެންދެ އެވެ.

އެ ޕްލާސްޓިކްތަކަކީ ހަމަލޮލަށް ފެންނަވަރަށް ވުރެ މާކުޑަކުޑަ ޕްލާސްޓިކްތަކެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއިއެޗްއޯއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ނޭނޯ ޕްލާސްޓިކުން އިންސާނުންނަށް ގެއްލުމެއް ނުވެ އެވެ. ނަަމަވެސް އެހެން ބުނެފައި ވަނީ ވަރަށް މަދު ދިރާސާތަކަށް ބަލުމަށް ފަހު ކަމަށާއި އަދި އެކަން އިތުރަށް ދިރާސާކުރަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އާންމުކޮށް ސައިފަތް ޕެކެޓް ހަދައިފި ހުންނަނީ ކަރުދާހުންނެވެ. އަދި އެ ޕެކެޓް ބަންދުކުރަން ކުޑަކުޑަ ޕްލާސްޓިކް ހިމެނޭ އެތިކޮޅެއް ބޭނުންކުރެެ އެވެ.

އެ ދިރާސާގައި ވަނީ ސައިފަތް ޕެކެޓްގައި ހިމެނޭ ސައިގެ ބައި ނަގައި ހަމައެކަނި ހުސް ޕެކެޓެއް ހޫނު ފެނުގެ ތެރެއަށް ލައިގެން ޕްލާސްޓިކް ލީކްވާވަރު ބަލައި ޓެސްޓުކޮށްފަ އެވެ.

އެ ދިރާސާގައި މަސައްކުރެއްވި ލައުރާ ހެނާންޑޭޒް ވިދާޅުވީ ޕްލާސްޓިކް ސައިފަތް ޕެކެެޓްގައި ހިމެނޭ އަދަދު އެނގުމުން ހައިރާންވި ކަމަށެވެ. ނަމަވެސް އެ ދިރާސާގައި ބޭނުންކުރީ ކޮންވައްތަރެއްގެ ސައިފަތް ޕެކެޓްކަމެއް ބުނަން ދިރާސާ ޓީމުން ވަނީ ދެކޮޅު ހަދައިފަ އެވެ.

މައުލޫމާތު: ސީއެންއެން