ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ އާއި ސްޕެނިޝް ލަލީގާގެ ސެލްޓާ ވިގޯގެ ބައެއް އިސްވެރިން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓުއަރިޒަމް ދުވަހާ ގުޅުވައިގެން މިރޭ އެއް ނަމްބަރު ފާލަން ސަރަހައްދުގައި ބޭއްވި ޖޮބްފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އަންނަ މަހުގެ ދެވަނަ ދުވަހު ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ސަލްގާޑޯ ރާއްޖެ އަންނާނެ ކަމަށެވެ.

ސަލްގާޑޯ އަކީ ސްޕެއިންގައި އުފެދުނު އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ގައުމުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ރެއާލް މެޑްރިޑަށް ދިހަ ވަރަކަށް އަހަރު ކުޅެ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން ހަތަރު ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކުރުމާއި ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ދެފަހަރަކު ކާމިޔާބު ކުރުމާއި ސުޕާ ކޮޕާ ތިން ފަހަރު އަަދި އިންޓާ ކޮންޓިނެންޓަލް އާއި ސުޕަ ކޮޕާ ވެސް އޭނާ ވަނީ ހޯދައިފަ އެވެ.

ސަލްގާޑޯ ވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ފުޓްސަލްގައި ވެސް ފެނިގެން ގޮސްފަ އެވެ. އެގޮތުން އަވައްޓެރި އިންޑިއާގައި ދާދި ފަހުން ބޭއްވި ފުޓްސަލް މުބާރާތެއްގައި ވެސް ސަލްގާޑޯ ވަނީ ކުޅެފަ އެވެ.

އޭގެ އިތުރުރުން ޓުއަރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން މިއަދު ފެށި 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސްޕެނިޝް ލަލީގާގެ ކްލަބެއްގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، މޮޅު ކުޅުންތެރިޔާއަށް ޓްރެއިނިންގް ހަދަން ލިބިގެންދާނެ ކްލަބެއް ފަހުން އިއުލާންކުރާނެ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 13 އަހަރުން ދަށުގެ ސްކޫލުތަކަށް ބާއްވާ އެ މުބާރާތުގައި ޖުމްލަ 17 ސްކޫލަކުން ބައިވެރިވާނެ ކަމަށެވެ. އަދި އެ މުބާރާތުން އެންމެ މޮޅު އަށް ކުޅުންތެރިއަކަށް 13 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.