27 Sep 2019, 21:13
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަށް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން ޖެހޭ ގޮތަށް އެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީއިން ފާސްކޮށްފި އެވެ.
ޓެރަރިޒަމް ހުއްޓުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ހަފްތާއެއްހާ ދުވަހުގެ މަސައްކަތައް ފަހު، ބިލު ދިރާސާކޮށް، އިއްޔެ ކޮމިޓީން ވަނީ ރިޕޯޓު ފާސްކޮށްފައެވެ.
ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވަނީ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތައް ބަޔާންކޮށް ސިއްރު ރިޕޯޓެއް ކޮންމެ ހަމަހަކުން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.
ސިއްރު ރިޕޯޓުގައި ހިމަނަން ޖެހޭ ޖުމްލަ ނުވަ ކަމެއް ގާނޫނުނަށް ކޮމިޓީން ބަދަލު ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އެކަންތަތައްކަކީ؛
ގާނޫނުގެ ދަށުން ހައްޔަރު ކުރާ މީހުންގެ އަދަދު
- ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ހުލާސާ.
- ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުނު ފަރާތްތަކުގެ މައުލޫމާތައި އެކަން ކުރަން ޖެހުނު ސަބަބާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މައުލޫމާތު.
- ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރެވުނު މީހުންނާއި ބަލާ ފާސްކުރި ތަންތަނާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މައުލޫމާތު.
- ޖިންސީ ގުނަވަން ހާމަވާ ގޮތަށް ފާސް ކުރެވުނު މީހުންގެ އަދަދާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މައުލޫމާތު.
- ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހުށަހެޅުނު ފަރާތްތަކުގެ އަދަދާއި އެކަމާމެދު ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތަފްސީލު
- ރިސްކް އެސެސްމަންޓް ހެދުނު ފަރާތްތަކާއި އެފަރާތްތަކާ މެދު ނިންމި ގޮތް.
- ރިހެބިލިޓޭޝަން ހިންގުނު ފަރާތްތަކުގެ ތަފްސީލު
- ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާ މެދު ދެކޭ ގޮތް.
އޭގެ އިތުރުން މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގާނޫނު އަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ހައްގެއް ހިފެހެއްޓޭ ނަމަ، އެ ހާލަތުގައި އެ ތަންފީޒީ އިދާރާއަކުން އަމަލުކޮށްފައިވާ ގޮތާއި ދެކޭގޮތް ބަޔާންކޮށް ކޮންމެ ހަ މަހަކުން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށާއި، އަދި ހިއުމަންރައިޓްސް ކޮމިޝަނަށް ރިޕޯޓެއް ހޯމް މިނިސްޓަރު ހުށަހެޅުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ނަމަވެސް އެފަދަ އެއްވެސް ރިޕޯޓެއްގައި ތަހުގީގަށް ހުރަސްއެޅޭފަދަ މައުލޫމަތު ހިމެނޭ ނަމަ، އެފަދަ މައުލޫމާތު ނުހިމެނުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވާ ކަމަށްވެސް އިސްލާހުތަކުގައި ބުނެއެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގައި ތަންފީޒީ އިދާރާތައް މާނަކޮށްފައި ވަނީ، ކައުންޓާ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފަރާތަށާއި، ހޯމް މިނިސްޓަރާއި، ދިވެހި ފުލުހުންނާއި އަދި އެނޫނަސް ޤާނޫނުތަންފީޒުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ދައުލަތުގެ އެހެން މުއައްސަސާތައް ހިމެނޭގޮތަށެވެ.
ޓެރަރިޒަމްގެ ބިލުގެ މަސައްކަތް ކޮމިޓީން ނިންމިއިރު، ގިނަ މެމްބަރުންގެ ކަންބޮޑުވުންތައް އައި އެ ބިލަށް މާބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ޓެރަރިޒަމްގެ ކުށުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެހެއްޓޭނެ ގޮތަށް ސަރުކާރުން ބިލު ހުށަހެޅި އިރު ހިމަނާފައިވީ ނަމަވެސް އެމާއްދާ ކޮމިޓީއިން ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ބުނެފައި ވަނީ 24 ގަޑިއިރު ތެރޭގައި އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގައި ވެސް ބުނެފައިވާ ގޮތެވެ. ބައެއް ކުށްތަކުގެ އަދަބުތައްވެސް މިހާރު ވަނީ ކުޑަކޮށްފައެވެ.