27 Sep 2019, 20:28
ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އިން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް މަޖިލީހުގެ ޗުއްޓީ ދުވަސްތަކުގައި ޖަލްސާއެއް ބާއްވައި މަޖިލީހަށް ބަލައިގަތީ ސަރުކާރުން އެ ގާނޫނު އެގޮތަށް އަވަހަށް ފާސްކުރަން ބޭނުން ވާތީ އެވެ. ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކުރީ އިއްޔެ އެވެ. ސިއްރު ބައްދަލުވުންތަކެއް ބާއްވައި ދިރާސާކުރި އެ ބިލު މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވި ނަމަވެސް ކުދި ކުދި ބަދަލުތަކެއް ހުއްޓެވެ.
ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ސަރުކާރުން ހުށަހެޅި ބިލުގައި ހިމަނާފައިވާ އިރު ސަރުކާރުން ހުށަހެޅި ގޮތަށް އެމާއްދާ ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ހައްޔަރު ކުރަން ހުއްދަ ދިނުމުގެ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ ރޭންކުތަކަށް ދޭން ބިލުގައި ހިމަނާފައިވާތީ އެމްޑީޕީގެ މެމްބަރުން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ. މެމްބަރުން ބޭނުންވީ އެ ބާރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން މަތީގެ ފުލުހުންނަށް ދޭށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އެމާއްދާއަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅި އިރު ޓެރަރިޒަމް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފަ އެވެ. ޓެރަރިޒަމްގެ ކުށަށް ވަނީ ކޮން ކަހަލަ ކަންކަމެއްކަން ތަފްސީލުކޮށްފައިވެ އެވެ.
ޓެރަރިޒަމްގެ ކުށްތައް
- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން
- ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުން
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން
- މުދަލަށް ބޮޑެތި ގެއްލުން ދިނުން
- ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން
- އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުން
- މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން
މިއިން އެއްވެސް ކުށެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ނުވަތަ އެއްވެސް ސިފައެއްގައި އެއިން ކުށެއް ކުރުމުގައި ބައިވެރިވުމަކީ ނުވަތަ އެހީތެރިވެދިނުމަކީ ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެއް ކަމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
އޭގެ އިތުރުން ހަނގުރާމަ ކުރުމަށް ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދާން އުޅުމާއި ދިއުމާއި ހަނގުރާމައަށް މީހުން ފޮނުވުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ހަނގުރާމަވެރި ސަރަހައްދަކަށް ވަކި ބޭނުންތަކެއްގައި ދެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތު ކަމުގެ އެހީތެރިކަން ދިނުމަށާއި ކޯޓު އަމުރެއް ތަންފީޒު ކުރުމަށާއި އެހެން ގައުމެއްގެ ސަރުކާރުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަކީ ކުށެއް ނޫނެވެ. އަދި ނޫސްވެރިކަން ކުރުމަށް ހުއްދަ ދީފައިވާ ނޫސްވެރިން ދިއުމަކީ ވެސް ކުށެއް ނޫން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ހަނގުރާމައަށް ދިޔަ މައްސަލައެއް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ސަރުކާރުން ބިލު ހުށަހެޅި އިރު ބުނެފައިވީ ނަމަވެސް ކޮމިޓީއިން ވަނީ އަދަބު ލުއިކޮށްފަ އެވެ. ކޮމިޓީއިން ބިލު ފާސްކުރި އިރު ހަނގުރާމައަށް ދާ މީހުންގެ އަދަބެއް ކަމަށް ބުނެފައި ވަނީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ.
ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހެއްގައި ހުރިކަން ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ސަރުކާރުން ބިލު ހުށަހެޅި އިރު ބުނި ނަމަވެސް އެ އަދަބު ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ކޮމިޓީ އިން ވަނީ ބަދަލުކޮށްފަ އެވެ. ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް ހިތްވަރު ދިނުމަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކުށެއް ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.
ޓެރަރިޒަމްގެ ކުށުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެހެއްޓޭނެ ގޮތަށް ސަރުކާރުން ބިލު ހުށަހެޅި އިރު ހިމަނާފައިވީ ނަމަވެސް އެމާއްދާ ކޮމިޓީއިން ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ބުނެފައި ވަނީ 24 ގަޑިއިރު ތެރޭގައި އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގައި ވެސް ބުނެފައިވާ ގޮތެވެ.
ޝަރީއަތަށް ގަބޫލުކުރެވޭ ހެކިތައް
ޓެރަރިޒަމްގެ ކުށުގެ ތުހުަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް އާންމު މައްސަލަތަކާއި ހިލާފަށް ބައެއް ހެކިތައް ގަބޫލުކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ކުށެއް ކުރި ކަމަށް އެއްބަސްވެ ޝަރީއަތުގެ މަޖިލީހުގައި ދޭ އިއުތިރާފާއި މީހަކު މަރުވަމުން ދައުވާއާއި ގުޅުން ހުރި ހަގީގަތަކަށް ބާރު ލިބޭ ގޮތަށް އެމީހަކު ބުނެފައިވާ އެއްޗެސް ވެސް ހެކީގެ ގޮތުގައި ބަލައި ގަނެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ކުށުގެ ތުހުމަތު ކުރެވޭ މީހާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި އޯޑިއޯ އަދި ވީޑިއީ ރެކޯޑު ކުރެވޭ ގޮތަށް އެއްވެސް މަޖުބޫރުކަމެއް ނެތި ކުށުގެ ތުހުމަތު ކުރެވޭ މީހާ އަމިއްލަ އިހުތިޔާރުގައި ދޭ ބަޔާން.
- ފޮރެންސިކް ހެކި
- ރަސްމީ ލިޔުން
- ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު
- ކުށުގެ ތުހުމަތުކުރެވޭ ފަރާތައް ހަނގުރާމައިގައި ހަނގުރާމަވެރި ހަތިޔާރަކުން ލިބިފައިވާ އަނިޔާއެއްކަން ބަޔާންކުރާ މެޑިކަލް ރިޕޯޓު
- ޝާއިއުކޮށްފައިވާ ލިޔުމާއި ކުރެހުމާއި ފޮޓޯ ނުވަތަ މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް ފޮނުވާފައިވާ ލިޔުމައި ކުރެހުމާއި ފޮޓޯ އޯޑިއޯ ނުވަތަ ވީޑިއޯ ފަދައެއްޗެއް
- ކުށުގެ ތުހުމަތު ކުރެވޭ އާއިލާގެ މީހަކު ތަހުގީގީ އިދާރާއަށް ދޭ ބަޔާން
- ލޮލަށް ފެނުނު މީޙުންގެ ހެކިބަސް
ޓެރަރިޒަމް ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ކޮމިޓީއިން ފާސްކޮށްފައިވާ ރިޕޯޓު ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ތާވަލު ކުރެވޭނެ ކަމަށް ބެލެވެ އެވެ.