ރާއްޖެއަށް ބިދޭސީން ގެންނަން ކޯޓާ ހޯދުމަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް އެވޯޑުކޮށްފައިވާ ކުންފުންޏެއް ހިމެނިއްޖެ އެވެ.

ވަގު ލިޔުން ހުށަހެޅި ކުންފުނިތަކުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީ އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ހިމެނޭ ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ސަރުކާރުގެ ހަ ޕްރޮޖެކްޓެއް ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭ ހިމެނެނީ އެކި ރަށްރަށުގެ ސްކޫލްތަކުގައި މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުތަކެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި ކޯޓާ ހޯދުމަށް ވަގު ލިޔުން ހުށަހެޅީ 12 ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ވަނީ މިހާރު ފޮނުވައިފަ އެވެ.

ވަގު ލިޔުންތަކާއެކު ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް މިފަހުން ހިފަހައްޓާފައިވާއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ތެރެއިން ގާނޫނާ ހިލާފަށް މަސައްކަތްކުރާ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ރެގިއުލަރައުޒޭޝަން ޕްރޮގްރާމެއް ފަށައިފަ އެވެ.