27 Sep 2019, 20:16
ރާއްޖޭގައި ޓޫރިޒަމް ފުޅާކޮށް ތަރައްގީ ކުރެވިދާނެކަމަށް ބޭރުގެ ތަޖުރިބާކާރުން އެންމެ ފުރަތަމަ ގަބޫލު ނުކުރިކަމަށް ރާއްޖެއަށް ޓޫރިޒަމް ގެނައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލެއްވި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ދުވަހާއި ގުޅުވައިގެން ރޭ ވ. ކެޔޮދޫގައި ބޭއްވި ސަގާފީ ހަރަކާތުގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައި ބޭރުގެ އިގްތިސޯދީ މާހިރުން ގެނެސް މަސައްކަތް ކުރިއިރު، ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރެވިދާނެކަމަށް އެ ޓީމު އަރިހު ނަސީމް ދެންނެވި ކަމަށެވެ.
ނަމަވެސް އެ ހިޔާލަށް ރައްދު ދީ، އިގްތިސޯދީ މާހިރުން ދިން ޖަވާބަކީ ރާއްޖެއަކީ ހޫނުގަދަ ތަނެއް ކަމަށާއި ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީ ނުކުރެވޭނެ ކަމަށް ބުނުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަސީމް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީ ކުރެވޭނެކަމުގެ ހިޔާލު އެންމެ ފުރަތަމަ ކުރެވުނީ ލަންކާގައި ކިޔަވަން ހުންނެވި ދުވަސްވަރު އެ ގައުމުގެ ރިސޯޓުތައް ފެންނާތީ ކަމަށެވެ.
"އޭގެ ފަހުން ރާއްޖޭގައި ޓޫރިޒަމް ފެށުނުފަހުން 1974 ވަނަ އަހަރު ޔޫއެންގައި ހުރި އިރު އިނގިރޭސި ޑެލިގޭޝަނުން ދިމާވެއްޖެ އެ ޓީމުގައި ހިމެނުނު މީހަކާ. އޭނަ ކައިރީ އަޅުގަނޑު ފުރަތަމަވެސް ދެންނެވިން ރާއްޖޭގައި ޓޫރިޒަމް ފައްޓައިފީމޭ. އޭނާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ،" ނަސީމް ވިދާޅުވިއެވެ.
ރޭގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ނަސީމް އިތުރަށް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ތާރީހު ލިޔަނީ ސަރުކާރުން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ތާރީހު ބައްޓަންވެފައި އޮންނަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށެވެ.
"އެ ތާރީހު އެބަޖެހޭ ކަމާބެހޭ ވުޒާރާއިން ފާސްކުރަން، ސަރުކާރާ ބެހޭކޭ ކަމެއް ނޫން ތާރީހަކީ. ތާރީހަކީ ގައުމުގެ ރައްޔިިރުންގެ އެއްޗެއް. ތާރީހު ލިޔެވެންވާނީ ރައްޔިތުން ކުރާ ދިރާސާއެއްގެ މައްޗަށް. ރައްޔިތުން ބޭނުންވާ ގޮތަކަށް،" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ރައްޔިތުން ތާރީހު ލިޔާގޮތާމެދު ސަރުކާރުން ފާޑުކިޔައިގެން ނުވާނެ ކަމަށެވެ.
"ރާއްޖޭގައި ޓޫރިޒަމްގެ މަސައްކަތް ފެށީ 47 އަހަރު ކުރިން މިހާރު އެކަން ފެށުނު ގޮތް، އެކަމަކީ ކޮން ބަޔެއް ކުރި ކަމެއްކަމެއް ޒުވާނުންނަކަށް ނޭނގޭ،" ނަސީމް ވިދާޅުވިއެވެ. ނަސީމް ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޓޫރިޒަމް ފެށުނުގޮތާއި އެކަން ފުޅާވެގެން އައިގޮތް ހިއްސާ ކުރައްވައިފައެވެ.
ފަތުރުވެރިކަން ތަރައްގީކުރި ނަމަވެސް ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަސަރު ނުކުރާނެހެން އެ މަސައްކަތް ކުރުމަށް ނަސީމް ވަނީ ގޮވާލައްވައިފައެވެ.
"ރިސޯޓެއް ހަދަންޏާ މުޅި ރަށް ނޮޅާލައިގެން ގެންދަންވީއެއް ނޫން. ވަރަށް ވިސްނަންޖެހޭނެ ފަޅުތަކާ ފަރުތައް ހިއްކުމުގެ ކުރިން، ގުދުރަތީ ކންްތައްތަކާ ކުޅެގެން ނުވާނެ، އެއިން ލިބޭ ލަގާ މާ ބޮޑުވާނެ، މުސްތަގުބަލުގައި އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އުނިވެގެންދާނެ،"
ނަސީމް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރައްވެސް ހިއްކަންވާނީ މަޖުބޫރުވެގެން ކަމަށާއި ރަށް ފުރުމުން ޖެހިގެން އޮތް ރަށަށް ގޮސް އާބަދުވާންވީ ކަމަށެވެ.