27 Sep 2019, 18:08
ރާއްޖޭގެ އެހީދޭ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، (އައިއޭސީ) އިން ވެސް އެއްކުރި އެހީގައި ސީރިއާގައި ކުޑަކުދިންނަށް ސްކޫލެއް ހުޅުވައިފި އެވެ.
އެއިޑް ކެމްޕޭންގެ މީޑީއާ ކޯޑިނޭޓަރު އާދަމް ނާއިފް "ސަން" އަށް މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ތުރުކީގެ ޖަމްއިއްޔާއެއް ކަމުގައިވާ އިންސާނީ ޔަރްދިމް ވަކްފީ (އިހާހާ) އާއި އިންޓަނޭޝަނަލް އެންޖީއޯއެއް ކަަމަށްވާ އޮލިވް ގްރޯވް ފައުންޑޭޝަން ގުޅިގެން ކަމަށެވެ.
އަލޫކާގެ ނަމުން ނަންދީފައިވާ އެ ސްކޫލް ހުޅުވީ މިމަހުގެ މެދުތެރޭގަ އެވެ.
ނާއިފް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ސީރިއާގެ އިޑްލިބްގައި ހުޅުވީ ކްލާސްރޫމްތަކުގެ އިތުރުން މިސްކިތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެތަނުގައި ލައިބްރަރީއަކާއި ކޮމްޕިއުޓަރު ލެބެއްވެސް ހެދުމަށް ރާވައިފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
"މި ސްކޫލުގައި ތިބޭނީ ހުސް ޔަތީމް ކުދިން. 250 ކުދިންގެ ޖާގައިގެ ސްކޫލެއް. މިތަނުގައި ކިޔަވައިދޭނީ ސީރިއާގެ ވޮލަންޓިއަރުން." ނާއިފް ވިދާޅުވި އެވެ.
އެ ސްކޫލުގައި ކިޔަވާ ކުދިން ސްޕޮންސާކޮށް އަދި އެކުދިންނަށް ބޭނުންވާ ޔުނީފޯމާއި ކާނާ ފޯރުކޮށްދެން ބޭނުންވާނަމަ އެ ފުރުސަތު އެބައޮތް ކަމަށްވެސް ނާއިފް ވިދާޅުވި އެވެ.