ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމެންޓް ވައްޓާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ދެ ސަފުހާގެ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބުދު ވައްޓާލި މައްސަލައިގައި އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށްވާތީ އެ ދެ މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"...އެ މޮނިއުމެންޓާއި ދެކޮޅަށް ތެދުވި ދިވެހި ލޮބުވެތި އަޚުންނަކީ ދިވެހިރާއްޖޭގެ މާތްވެގެންވާ އިސްލާމް ދީނުގެ ދިފާއުގައި އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދިފާއުގައި ތެދުވި ބޭފުޅުންކަމުގައި ނޫނީ ނުވާނެ އެވެ. އަދި އެ ބޭފުޅުން ހިފާ ހައްޔަރުކޮށްފައި ވަނީ ކަނޑައެޅިގެން ގާނޫނާއި ޚިލާފަށް ކަމުގައި އަދާލަތު ޕާޓީން ދެކެމެވެ. ވުމާއި އެކު އެ ބޭފުޅުން މިހިނދުން މިހިނދަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވައިލަމެވެ،" އަދާލަތުގެ އެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައި ވަނީ އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ އަޅުކަންކުރާ ތަކެތި ރަމްޒުކޮށްދޭ ބައިތަކެއް ހިމެނޭ އެ މޮނިއުމެންޓު ރާއްޖެ އެތެރެކޮށް ބަހައްޓާފައި ވަނީ ދިވެހިރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އަދި އާންމު އިޖުތިމާއީ މިންގަޑުތަކާއި ހިލާފް އަމަލު ހުއްޓުވުމުގެ ގާނޫނާއި ޚިލާފަށް ކަމަށެވެ.

އަދި އެތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ ގާނޫނުތަކާއި ޚިލާފަށް ކަމަށް ބުނެ އެތަކެތި ރާއްޖެ އެތެރެކޮށް ފެތުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެ ނޫސްބަޔާނުގައި އެ ޕާޓީން ވަނީ ގޮވައިލައްވާފަ އެވެ.

ބުދު ހިމެނޭ މޮނިއުމެންޓް ވައްޓާލިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ހުކުރު ދުވަހުގެ ރޭ ލިބުނު ކޯޓު އަމުރާ އެކު ދެ މީހުން ވެސް މިހާރު ވަނީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައި ވަނީ އެ ދެ މީހުން ހައްޔަރުކުރީ ވައްޓާލި ބުދު ހިމެނޭ މޮނިއުމެންޓަކީ ސިޓީކައުންސިލްގެ ބެލުމުގެދަށުގައިވާ އެއްޗަކަށްވާތީ އެ އަމަލަކީސަރުކާރުގެ އެއްޗަކަށް ގެއްލުން ދިނުން ކަމަށްވާތީ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ކުރިން ވިދާޅުވެފައިވަނީ ބުދު ތަކެއްވެސް އަދި ބެނާތައްވެސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އަކަށް އެމިނިސްޓްރީގައި އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށާއި އަދި އެފަދަ ތަކެތި ރާއްޖެއެތެރެ ކުރުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިނުވާނެ ކަމަށެވެ.