27 Sep 2019, 17:41
އައިޖީއެމްއެޗްގައި ހުރި މިސްކިތް ބަންދުކުރީ ވަގުތީ ގޮތުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ މިސްކިތާ އިންވެގެން އޮންނަ ހުސްތަނުގައި ކޮންސްޓްރަކްޝަން މަސައްކަތެއް މިހާރު ކުރަމުން ގެންދާ ކަަމަށެވެ. އަދި އެތަނުގައި ބަހައްޓަނީ އައިޖީއެމްއެޗްގައި ބޭނުންކޮށްފައި ހުންނަ އެކި ޒާތުގެ މެޑިކަލް ތަކެތި ނައްތާލުމަށް ބޮޑު އޮޓޯ ކްލޭވް މެޝިނެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖަމާއަތުގައި ނަމާދުވެސް ކުރަމުންގެންދާ އެ މިސްކިތް ބަންދުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ މިސްކިތް ބަންދުކުރުމުން މިހާރުވެސް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރުރަމުންނެވެ.
އެގޮތުން ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އައިޖީއެމްއެޗް ހޮސްޕިޓަލް މަރާމާތުކޮށް ހަދަމުން ދިޔައިރު ހޮސްޕިޓަލްގެ މިސްކިތް ބަންދުނުކުރާ ކަމަށެވެ.
"ޖަމާޢަތުގައި ނަމާދަށް އަރަން ބޭނުންވާ ހޮސްޕިޓަލްގައި އުޅޭ މީހުންނަށް ފުރުސަތު ހަނިކޮށް އައިޖީއެމްއެޗް މަރާމާތު ކުރުން ރަނގަޅެއް ނޫން. އަދުގެ ހާލަތު." ފަޒުލް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.