27 Sep 2019, 13:19
ރާއްޖޭގެ ފަތުރުވެރިކަމަށް ޒަމާންތަކެއް ވެފައިވީ ނަމަވެސް، އެ ސިނާއަތުން އާންމު ރައްޔިތު މީހާއަށް ލިބޭ ފައިދާ އަދިވެސް ވަރަށް ކުޑަ ކަމަށާއި އެކަން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު މުޅި ދުނިޔޭގައި ފާހަގަ ކުރާ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ހިތޯބެއްގައި ވިދާޅުވީ، ރާއްޖޭގެައި ފަތުރުވެރިކަން ފެށުނީ އެންމެ 60 އެނދާ އެކު ނަމަވެސް އެ އަދަދު މިހާރު 47،114 އަށްވުރެ މައްޗަށް އަރައި، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަގުބޫލު މަރުކާއަށް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ހިތާމައަކީ، އެ ސިނާއަތުން އާންމު ދިވެހި ފަރުދުންނަށް ލިބޭ ފައިދާ މާ ކުޑަވުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމާޒަކީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަގުބޫލުކަމުގެ ފައިދާ، މިހާރަށްވުރެ ވެސް ފުޅާގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ އަދަދާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީއާ އަޅައިބަލާއިރު، ފަރުދުންގެ އިގްތިސާދަށް އެނގުންވާ މިންވަރު އަދިވެސް މާކުޑައެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ރަށު ފަތުރުވެރިކަން އަދިވެސް ފުޅާ ކުރުމެވެ،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ބުރަށް ބޮޑަށް ކުރިއެރުވުމަށް ޓަކައި އާ ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށް ފުޅާކުރަން ޖެހޭ ކަމަށެވެ. އެގޮތުން ބައެއް ހިޔާލުތައް ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ވިޔަފާރި ފަތުރުވެރިކަމާއި، ޘަގާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަން ތައާރަފް ކުރަން ވިސްނަން ޖެހޭ ކަމަށެވެ.
"[މިއީ] ވަރަށް ހަލުވިކަމާއެކު [ދުނިޔޭގައި] ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތަކެއް. މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރެވެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް މުޅިން ވެސް ބަރޯސާވެފައި ވަނީ ގުދުރަތީ ރީތި ކަމުގެ މައްޗަށްކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފީ ތަރިކަތައް ހިމާޔަތް ކުރަން އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދެމި އޮތުން ބިނާވެގެން ވަނީ އަންނަން އޮތް ޖީލުތަކަށް އެކަންކަން ވާރުތަވެގެން ކަމަށެވެ.
"އެހެންކަމުން، ތިމާވެށި ހިމާޔަތްކޮށް، އެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެކެވެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިޒަމާނުގެ ފަތުރުވެރިކަން ފެށިފައިވަނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ބަނަކަން ފިލައިދިޔަ ފަހުންކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އެހާ ހަލުވި ދުވެލީގައި ކުރިއަރައި ދިޔައީ ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، މި ޖަޒީރާތަކުގައި ފައިބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަމުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ބޭއްވޭނީ ހަމަޖެހުމާއި ސުލްހަމަސަލަސްކަން މި ރާއްޖޭގައި ދަމަހައްޓައިގެން ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ފަތުރިވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ، ދާއިރާގެ ވިޔަފާރިވެރިންނަށާއި ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކަށް އަދި ސިނާއަތުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ފަށައި ކޮޅަށް ނަގައި ދެއްވީ ދެތިން ހިތްވަރުގަދަ ވިޔަފާރިވެރީންކަން ފާހަގަ ކުރައްވައި އެބޭފުޅުންގެ މިންނެތް މަސައްކަތަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.