ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނާ މެދު މުވާމަލާތްކުރާ ގޮތް ހަރުދަނާ ކުރުމުގެ ގޮތުން ޖަލު އޮފިސަރުން އދ. އިން ކަނޑައަޅާފައިވާ "މަންޑޭލާ ރޫލްސް" އަށް އަހުލުވެރިކުރަން ނިންމައިފި އެވެ.

ޖަލުތައް ހިންގުމަށާއި ޖަލުގައި ބަންދުކުރެވޭ މީހުންނާމެދު އަމަލުކުރުމުގައި އދ އިން ބަލައިގަންނަ އެންމެ ދަށް މިންގަނޑު ކަމަށްވާ، ، ނެލްސަން މަންޑޭލާ ރޫލްސް އދ. އިން މުރާޖާކޮށް ނެރުނީ 2015 ވަނަ އަހަރު އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސްގެ އަހަރީ ހަފްލާ ފާހަގަކުރުމަށް ރޭ މާފުށީ ޖަލުގައި ބޭއްވި ހަފްލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ބަންދުގައި ތިބޭ މީހުންނާ އެންމެ ގާތުން މުއާމަލާތްކުރާ ބަޔަކީ ޖަލު އޮފިސަރުން ކަމަށެވެ.

އެހެންކަމުން ޖަލުތަކުގެ މުޅި ނިޒާމާމެދު ޕްރިޒަންސް އޮފިސަރުންގެ ތަސައްވަރު ބަދަލުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އެ ޕްރިޒަން އޮފިސަރުން ތިބޭއިރު، އޮފިސަރުންގެ ބަހާއި އަމަލުން އެ ސިޔާސަތު ކޮންމެހެންވެސް ފެންނަން ޖެހޭކަން އިމްރާންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ފުރަތަމަ ކަމަކަށް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ޖަލު އޮފިސަރެއްގެ އަތަށް މަންޑޭލާ ރޫލްގެ ތަރުޖަމާ ދިނުމަށް ނިންމާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"އެ މިންގަނޑުތަކަށް ތިބޭފުޅުން އަހުލުވެރިކުރުމަށްޓަކައި ބޭނުންވާ ތަމްރީނުތަކާއި ތަފާތު އެހެނިހެން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް މިހާރުވެސް މިދަނީ ކުރަމުން. އަޅުގަނޑުމެން މި ދަންނަވާ ކަންކަމަށްފަހު، ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފައި ތިބޭ ފަރާތްތަކާ މެދު ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ އިމުގެ ތެރޭގައި މުއާމަލާތް ކުރަން ނޭގޭނަމަ އެއީ މިފަދަ އިޖުތިމާއީ ހިދުމަތެއް ދިނުމަށް ކުފޫހަމަވާ މީހެއްކަމުގައި ގަބޫލުކުރަން ޖެހޭ ސަބަބެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން ހޯމް މިނިސްޓްރީގެ ފަރާތުން އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އެކުލަވާލަންޖެހޭ ރާއްޖޭގެ ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑު މިއަހަރު ނިމުމުގެ ކުރިން، އާންމުކުރާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އަިދ ވިދާޅުވީ އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް ބޮޑުބައި މިހާރުވެސް ނިމިފައިވާ ކަމަށެވެ.