ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ބޭއްވި ސާކް ޓްވެންޓީ 20 ކްރިކެޓް މުބާރާތުގެ އިންތިޒާމުތައް ދަށް ކަމަށް ބުނެ ނޭޕާލުން ކިޔަމުންދާ ފާޑުކިޔުމަކީ ބަލި ގަބޫލު ނުކުރެވުމުން ކިޔާ ފާޑު ކިޔުންތަކެއް ކަމަށް ރާއްޖޭގެ ކްރިކެޓް ބޯޑުން ބުނެފި އެވެ.

މުބާރާތަށް ފަހު، ނޭޕާލުގައި ނެރޭ ހިމާލިޔާ ޓައިމްސްގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖެއިން މުބާރާތުގެ އިންތިޒާމްތައް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ދަށު ދަރަޖާގައި ކަމަށެވެ. އެގޮތުން ނޭޕާލް ޓީމަށް ޕްރެކްޓިސް ކުރަން ދަނޑު ލިބިފައިނުވާ ކަމަށާއި މުބާރާތުގައި ނޭޕާލް ޓީމަށް ގިނަ ހުރަސްތަކާ ކުރިމަތި ލާން ޖެހިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ނޭޕާލުގައި ނެރޭ ހިމާލިޔާ ޓައިމްސްގައި ލިޔެފައިވާ ލިޔުމަށް ރައްދު ދެމުން މުބާރާތް ރޭވުމުގައި އިސްކޮށް އުޅުއްވި ކްރިކެޓް ބޯޑުގެ ޑިވްލޮޕްމަންޓް އޮފިސަރު އިމާދު އިސްމާއިލް ބުނީ، މުބާރާތުގެ އިންތިޒާމްތައް ދަށް ކަމަށް ބުނެ ނޭޕާލުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

"ނޭޕާލް ޓީމަށް މާކުންރިން ވެސް އިނގޭނެ ރާއްޖޭގެ ފެންވަރު. ޓީމް އައިސް ތިބެންޖެހޭނީ ރިސޯޓެއްގައި ކަން. ރިސޯޓްގައި ޕްރެކްޓިސް ކުރާނެ ތަނެއް ނެތް ކަން. މުބާރާތް ކުރިއަށް ދަނީ އެހެން ރަށެއްގައި ކަން. އެމީހުން ތިބޭ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެއް. އެރިސޯޓްގައި ބޯޅައެއް އެއްލާނެ ތަނެއް ނޯންނާނެ. މިހުރިހާ ކަމެއް ނޭޕާލް ޓީމަށް އިނގޭނެ. ނޭޕާލް ޓީމަކީ މޮޅު ޓީމެއް. ހިމާލިއަން ޓައިމްސްގައި ރާއްޖެއާ ބެހޭގޮތުން ލިޔެފައިވާ ލިޔުމަކީ ބަލި ގަބޫލު ނުކުރެވިގެން ލިޔެފައިވާ ލިޔުމެއް" އިމާދު ބުންޏެވެ.

އިމާދު ބުނީ، ނޭޕާލްގެ ދެ ނޫސްވެރިއަކު މުބާރާތް ކަވާ ކުރުމަށް ފުވައްމުލަކަށް ދިޔަ ކަމަށާއި އެހެން ނަމަވެސް އެ ދެ ނޫސް ވެރިން އައީ ކްރިކެޓް ބޯޑަށާއި ރާއްޖޭގެ ފޮރިން މިނިސްޓަރީއަށް އިނގިގެން ނޫން ކަމަށެވެ.

"އަޅުގަނޑު މެންނަށް އިނގިގެން އެ ދެ ނޫސްވެރިން އައިނަމަ އެ ދެ މީހުންގެ ކަންކަން ބެލީމުސް... ޕާކިސްތާން ކުޅުންތެރިން އަކު އަޅުގަނޑު ކާރީ ބުނި. ހިމާލިއަން ޓައިމްސް ގައި އެ ލިޔެފައިވާ ލިޔުމަކީ 'މޮޔަ' ނޫސްވެރިއަކު ލިޔެފައިވާ ރިޕޯޓެއް ކަމަށް" ނޭޕާލްގެ ފާޑު ކިޔުންތަކަށް ރައްދު ދެމުން އިމާދު ބުންޏެވެ.

ހިމާލިއަން ޓައިމްސް ގައި ލިޔެފައިވާ ރިޕޯޓްގައި ބުނެފައި ވަނީ މުބާރާތުގައި ނޭޕާލް ޓީމް ވާދަކުރަން ޖެހުނީ ޖަލެއްގައި ތިބެގެން ކަމަށާއި ކުޅުންތެރިންނަށް އިންޓަނެޓްގެ ހިދުމަތް ލިބޭނެ ވަސީލަތްތައް ހަމަޖައްސަދީފައި ނުވާ ކަމަށެވެ. އަދި ނޫސްވެރިންނަށް ވެސް އިންތިޒާމު ހަމަޖައްސައި ދީފައި ނުވާ ކަމަށް އެރިޕޯޓުގައި ބުނެފައި ވެއެވެ.

ނޭޕާލްގެ އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެހާ ބޮޑު މުބާރާތެއް ބޭއްވުމުގެ ކުރިން ރާއްޖޭގެ ކްރިކެޓް ބޯޑުން އެފަދަ މުބާރާތްތައް އިންތިޒާމް ކުރުމުގެ ހުނަރު ދަސްކުރަންޖެހޭނެ ކަމަށާއި މިފަހަރުގެ މުބާރާތުގެ ދިމާވި ކަންތައްތަކުގެ ސަބަބުން ކުރިއަށް އޮތްތާގައި ރާއްޖޭގައި ބާއްވާ ކްރިކެޓް މުބާރާތްތަކަށް ބޭރުގެ އެއްވެސް ގައުމަކުން ނާންނާނެ ކަމަށެވެ.

ބަންގްލަދޭޝް ފިޔަވައި ސާކުގެ ހަތް ގައުމުގެ 25 އަހަރުން ދަށުގެ ޓީމުތަކުން ވާދަކުރި މުބާރާތުގެ މެޗުތައް ކުޅެފައި ވަނީ ފުވައްމަލުކުގައި ހެދި "އައްނަބީލް އަހުމަދު އަލި ދީދީ" ކްރިކެޓް ދަނޑުގައެވެ. އެދަނޑަކީ ސަރުކާރުގެ ބަޖެޓުން ތިން މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހެދި ކްރިކެޓް ދަނޑެކެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕާކިސްތާނެވެ.