27 Sep 2019, 11:47
ސްރީލަންކާގެ ޕެރޭޑުތަކުގައި ބައިވެރި ކުރަމުން ދިޔަ އަނަރޫފަވެފައިވާ އެތެއްގެ ފޮޓޯތައް ފެނި، ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެން ދިޔަ ޓިކިރީ ނަމަކަށް ކިޔާ އެތް މަރުވެއްޖެ އެވެ.
ލަންކާގެ ކެންޑީގައި ކޮންމެ އަހަރަކު ބާއްވާ ފެސްޓިވަލެއްގައި 10 ދުވަސް ވަންދެން ޕެރޭޑެއްގައި ބައިވެރި ކުރަމުން ދިޔަ ޓިކިރީގެ ފޮޓޯތައް އާއްމު ކުރީ ތައިލޭންޑުގެ ސޭވް އެލެފެންޓް ފައުންޑޭޝަން (އެސްއީއެފް)އިންނެވެ.
އެފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރި، ފެސްޓިވަލް ކުރިއަށް ގެންދާ ފަރާތްތަކަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.
ނަމަވެސް އެފެސްޓިވަލްގައި ޓިކިރީގެ އިތުރުން 59 އެތް ބައިވެރި ކުރާ ބުޑިސްޓު ފައްޅިން ބުނި ގޮތުގައި ޓިކިރީ އަނަރޫފަވެފައި ވަނީ ހަޖަމުކުރާ ނިޒާމުގެ ބައްޔެއްގެ ސަބަބުން ބަރުދަން އިތުރު ނުވާތީ އެވެ. އަދި އެހެންވި ނަމަވެސް ޓިކިރީގެ ހާލު ދެރައެއް ނޫން ކަމަށް ބުނެފަ އެވެ.

ލަންކާގައި ކޮންމެ އަހަރަކު ބާއްވާ ޕެރޭޑުގައި ޓިކިރީ ބައިވެރި ކުރުވަނީ އޭގެ މަތީގައި ބޮޑު ފޮތިގަނޑެއް އަޅައިގެން -- ފޮޓޯ: އެސްއީއެފް
ނަމަވެސް ޓިކިރީގެ ހާލަތު ފެނި ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅު ކުރުމުން، މިއަހަރުގެ ފެސްޓިވަލް ނިންމާލި އިރު ބޭއްވި ފަހު ޕެރޭޑުގައި 70 އަހަރު ޓިކިރީ ބައިވެރި ނުކުރާ ކަމަށް ލަންކާގެ ޓުއަރިޒަމް މިނިސްޓްރީން ބުންޏެވެ. އަދި އޭގެ ފަހުން ޓިކިރީއަށް ސިއްހީ ފަރުވާ ދިން ނަމަވެސް، އެތުގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް މީގެ ކުރިން އެސްއީއެފްއިން ވަނީ ބުނެފަ އެވެ.
އަދި އެސްއީއެފްއިން ދާދި ފަހުން އިންސްޓަގްރާމް މެދުވެރިކޮށް ބުނި ގޮތުގައި ޓިކިރީ މިހާރު ވަނީ މަރުވެފަ އެވެ. އަދި ދެން އެއްވެސް މީހަކަށް ޓިކިރީއަށް އަނިޔާ ނުކުރެވޭނެ ކަމަށްވެސް ބުނެފަ އެވެ.
ޓިކިރީ މަރުވި ސަބަބެއް އެޖަމްއިއްޔާއިން ހާމަ ނުކުރެ އެވެ.
ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމްއިއްޔާއެއް ކަމަށްވާ ޕީޓާއިން ބުނި ގޮތުގައި ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުން ކުރާ ގިނަ އަދަދެއްގެ އެތްތަކާ މެދު އަމަލު ކުރަނީ ޓިކިރީއާ އެއްގޮތަކަށެވެ. އަދި އެޖަމްއިއްޔާއިން ވަނީ ލަންކާގައި ޖަނަވާރު ހިމާޔަތް ކުރަން ހަދާފައިވާ ގާނޫނުތައް ތަންފީޒު ކުރުމަށާއި އެތް ބައިވެރި ކުރުވާ ހަރަކާތްތަކަށް ފަތުރުވެރިން ނުދިޔުމަށް ގޮވާލާފަ އެވެ.