26 Sep 2019, 21:48
ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޑިއާ އާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.
މަޝްވަރާތައް ކުރިއަށް ދިޔައީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް ހައިޑްރޮގްރާފަރު ވައިސް އެޑްމިރަލް ވިނޭ ބަދުވާރުއާ، މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ބަންޑާރަކޮށީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ވަކިން ހާއްސަކޮށް ރާއްޖޭގައި ހައިޑްރޮގްރަފިކް ޔުނިޓެއް އުފެއްދުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ޕުރަސާންތު ހާންޑު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.