ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވުމަށް ފަހު، ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ މަންމަ އއ. ތޮއްޑޫ ހަނީމޫން ޒުހުރާ އަބްދުﷲ 7.9 މިލިއަން ރުފިޔާ އަށް މާލެ އިން ގޯއްޗެއް ބައްލަވައިގެންފި އެވެ.

ތޮއްޑޫގައި ކުޑަކުދިންނަށް ގުރުވާން ކިޔަވާދެއްވާ އަލީ ވަހީދުގެ މަންމަ ޒުހުރާ، 1323 އަކަފޫޓްގެ ގޯއްޗެއް 7،938،000 ރުފިޔާ އަށް ބައްލަވައިގަނެ، ސިވިލް ކޯޓް މެދުވެރިކޮށް ވިޔަފާރި އަގުދުކޮށްފައި ވަނީ މިދިޔަ މަހު އެވެ. ޒުހުރާ ބައްލަވައިގެންނެވި ގޯއްޗަކީ، މާފަންނު ހަނދުވަރީހިނގުމުން އެލްސިޔޯން ބޭކަރީ ކައިރީގައި ހުންނަ މ. އޯޝަނިކް ވިލާ އިން އިބްރާހީމް އާރިފު އަށް ލިބިފައިވާ މ. އެންޒިއަން ކިޔާ ގޯއްޗެކެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެންރިޔަންގެ ޕޭމަންޓް އަލީ ވަހީދުގެ މަންމަ ދައްކަވާފައި ވަނީ ދެ ފަހަރެއްގެ މަތީންނެވެ. ފުރަތަމަ ތިން މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެކެވެ. އަދި ފަހުން 4.7 މިލިއަން ރުފިޔާ އެވެ.

ކޯޓް މެދުވެރިކޮށް އެންޒިއަންގެ އިމާރާތްތަކާއި ނުއުފުލޭ މުދާ އަލީ ވަހީދުގެ މަންމަ މިލްކް ކުރެއްވި އިރު، އަލީ ވަހީދު ވެސް ވަނީ ބީލަމުގެ އުސޫލުން ހުޅުމާލެ އިން 4.6 މިލިއަން ރުފިޔާ އަށް ގޯއްޗެއް ދާދިފަހުން ބައްލަވައިގެންފަ އެވެ.

ޒުހުރާ މިއަދު ވިދާޅުވީ މާލެ އިން ގޯއްޗެއް ބަލައިވައިގަތީ އަމިއްލަ އާމްދަނީން ލިބޭ ފައިސާއަކުން ނޫން ކަމަށާއި އެ ގޯއްޗަކީ އަލީ ވަހީދުގެ ބައްޕަ ބޯޓް ދަތުރުކުރައްވައިގެން ހޯއްދަވާފައިވާ ފައިސާ އިން ބައްލަވައިގެންނެވި ގޯއްޗެއް ކަމަށެވެ. އެއީ އަލީ ވަހީދު ދެއްވި ފައިސާއަކުން ބައްލަވައިގެންނެވި ގޯއްޗެއް ނޫން ކަމަށް ވެސް ޒުހުރާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ގަނެދެއްވި ގޯއްޗެއް. ބޯޓް ދަތުރުކޮށްގެން ލިބޭ ފައިސާ އިން )ބައްލަވައިގަތީ(. މިހާރު ވެސް ފިރިމީހާ އުޅުއްވަނީ ބޯޓް ދަތުރު ކުރަން،" ތޮއްޑޫގައި ދިރިއުޅުއްވާ ޒުހުރާ މިއަދު ފޯނުން ވިދާޅުވި އެވެ.

ޒުހުރާ އެހެން ވިދާޅުވި އިރު، އަލީ ވަހީދު ކުރިން ވިދާޅުވެފައި ވަނީ "ވަރަށް ކައިރި މުސްތަގުބަލެއްގައި މާލެ އިން ވެސް ރިއަލްސްޓޭޓް ބިމެއްގެ ވިޔަފާރި ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާ" ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ބީލަމުގެ އުސޫލުން ހުޅުމާލެ އިން ވިއްކި ދެ ގޯއްޗެއް އަލީ ވަހީދުގެ ދެކަނބަލުން ކާމިޔާބު ކުރެއްވުމާ ގުޅިގެން މީޑިއާތަކުން އެ ވާހަކަ ފެތުރުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑްގައި ނެރުއްވި ނޫސްބަޔާނެއްގަ އެވެ.

މަންމަ ބައްލަވައިގެންނެވި ގޯއްޗާ ގުޅޭ ގޮތުން މިވަގުތު މެލޭޝިއާގައި ހުންނެވި އަލީ ވަހީދުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގައި ހުންނެވުމަށް ފަހު އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތީ "މިލިއަނުން ރުފިޔާ އަށް ވިކިގެން" ކަމަށް އިނދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވަ އެވެ. ޑީއާރްޕީ ދޫކޮށް އެމްޑީޕީއާ ގުޅުމުގައި ރިޝްވަތުގެ "ފައިސާ ފޮތްޗެއްގައި ވެސް" ޖެހިފައި ނުވާނެ ކަމަށް އަލީ ވަހީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރިޝްވަތުގެ ތުހުމަތުތައް އަލީ ވަހީދުގެ މައްޗަށް ކުރާ އިރު، އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ދަނީ އެފަދަ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. މަޖިލިސް މެންބަރުން ޕާޓީތައް ބަދަލު ކުރުމުގައި ރިޝްވަތުގެ އަމަލްތަކެއް ހިނގާފައިވާ ކަން ތުހުމަތުކޮށް ޕީޕީއެމްގެ ކައުންސިލް މެންބަރު އުމަރު ނަސީރު އޭސީސީ އަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ހަސްމުންނާ އެ ކޮމިޝަނުން ދަނީ ސުވާލު ކުރަމުނެނެވެ.