26 Sep 2019, 21:50
ކާބުލް (ސެޕްޓެމްބަރު 26): އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގައި އަންނަ ހޮނިހިރު ދުވަހު ވޯޓުލާން އެގައުމުގެ ރައްޔިތުން ތައްޔާރުވަމުންދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ސިފައިންނާއި ފުލުހުން ހިމެނޭގޮތަށް 100 ހާސް މީހުން މަގުތަކަށް ނެރެފިއެވެ.
އަފްޣާން ދާޚިލީ ވުޒާރާއިން ބުނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޓަކައި ހަތިޔާރާއެކު 100 ހާސް މީހުން ނެރެފައިވާ ކަމަށާ އެމީހުންގެ މަސައްކަތަކީ އިންތިޚާބާ ދިމާކޮށް ރާވާ ޓެރަރިސްޓް ހަމަލާތައް ނާކާމިޔާބުކޮށްލުމާއި ހައްޔަރުކުރަންޖެހޭ ހަރުކަށި ފަރާތްތައް ހައްޔަރުކޮށް އަމާންކަމާއެކު ވޯޓު ގެ ކަންތައްތައް ގެންދިޔުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުން ކަމުގައެވެ.
އަފްޣާން ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 9.6 މިލިޔަނަށް އަރާއިރު އިންތިޚާބުތަކާބެހޭ އަފްޣާން މަސްއޫލުވެރިން ވިދާޅުވަނީ ވޯޓުލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެނިމިފައިވާ ކަމުގައެވެ. ނަމަވެސް ދުރު ސަރަހައްދުތަކުގައި ވޯޓުލާ މަރުކަޒުތައް ބެލެހެއްޓުމަކީ ގޮންޖެހުމެއްކަމަށް އެބޭފުޅުން ވިދާޅުވެއެވެ.
އަފްޣާން އިންތިޚާބުތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ އަމަނާބެހޭ މައްސަލަތައް މިފަހަރުވެސް ހުރީ ފަހަރުތަކާ ދާދިއެއްގޮތަކަށެވެ. ވޯޓު ލައިގެން ވެރިން ހޮވުމަކީ ދީނާ ޚިލާފު ކަމެއް ކަމަށް ދެކޭ ދީނުގެ ނަމުގައި ހަރުކަށި އަދި ބޯދާ ވިސްނުން ގެންގުޅޭ ތާލިބާނުންވަނީ އެހެން ފަހަރުތަކުގެ އިންތިޚާބުތަކުގައިވެސް އިންޒާރު ދޭގޮތަށް މިފަހަރުގެ އިންތިޚާބުގައިވެސް ބައިވެރި ނުވުމަށާއި ވޯޓު ނުލުމަށް ރައްޔިތުންނަށް އިންޒާރު ދީފައެވެ.
މި އިންޒާރުތަކާއެކު ވޯޓުލާ މީހުންނަށް ރައްކާތެރިކަމުގެ ޔަގީންކަން ނެތުމަކީ ގިނަބަޔަކު ވޯޓުލާން ނުގޮސް ގެތަކުގައި ތިބޭނެކަމެއްކަމަށްވަނީ ބެލެވިފައެވެ. މިފަހަރުގެ އިންތިޚާބުގައި 14 ކެންޑިޑޭޓުން ވާދަކުރައްވާއިރު އެންމެ ގާތުން ވާދަކުރައްވާނެކަމަށް ބެލެވެނީ ރައީސް އަޝްރަފް ޣަނީ އާއި ގައުމުގެ ޗީފް އެގްޒެކެޓިވް ގެ މަގާމުގައި ހުންނެވި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ އަބްދުﷲއެވެ.
ޣަނީގެ ފަސްއަހަރުގެ ވެރިކަމުގައި އަފްޣާން ހަނގުރާމައާއި އަމަނާބެހޭ މައްސަލަތަކަށް ހައްލެއް ހޯދިފައި ނުވިނަމަވެސް ކޮރަޕްޝަނާ ހަނގުރާމަ ކުރުމުގައި ޣަނީގެ ސަރުކާރުން ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށް އަފްޣާން އާންމުންގެ ގިނަ ބަޔަކު ދެކެއެވެ. (ނޫސްއެޖެންސީތައް)