ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ވ. އަތޮޅުގައި ބޭއްވި "ޖަޒީރާ ކެނޯ ރޭސް" ކ. އަތޮޅު ތަމްސީލު ކުރި ދެ ބައިވެރިން ކާމިޔާބުކޮށްފިއެވެ.

ރާއްޖޭގެ 17 އަތޮޅަކުން ބައިވެރިވި ކެނޯ ރޭސް ފެށީ ވ. ކެޔޮދޫންނެވެ. އަންހެނުންނާއި ފިރިހެނުންވެސް ބައިވެރިވި ކެނޯ ރޭސް ކެޔޮދޫން ފެށީ އަންހެން ބައިވެރިންނާއެކުއެވެ.

އަންހެން ބައިވެރިޔާ ކެނޯގައި ފެލިދުއަށް ދިއުމުން، ފެލިދޫން ތިނަދޫއަށް ރޭސް ނިންމަން ދިޔައީ ފިރިހެން ބައިވެރިޔާއެވެ.

ރިލޭއެއްގެ ގޮތަށް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ ރޭސް ކާމިޔާބު ކުރީ ކ. ގުޅިއަށް ނިސްބަތްވާ ދެ ބައިވެރިންނެވެ. ވ. އަތޮޅުގެ ދެ ބައިވެރިން ދެވަނަ ހޯދިއިރު، ތިން ވަނަ ހޯދީ އައްޑޫ ސިޓީގެ ދެ ބައިވެރިންނެވެ.

ރޭހުން އެއްވަނަ ހޯދި ޓީމަށް މެޑަލް އާއި 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މި ހަރަކާތަކީ މާދަމާ ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެވެ. ކެނޯ ރޭސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ރަސްމީކޮށް ފެށުމާ އަދި މި މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ ޕްރޮގްރާމުތަކުގައި ހިމެނިގެން ބާއްވާ ސަގާފީ ކެއުމެއް މިރޭ ވ. ތިނަދޫގައި އޮންނާނެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ގިނަ އަދަދެއްގެ ހަރަކާތްތަކެއް ރާވާފައެވެ.