26 Sep 2019, 19:56
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓާ، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން އިތުރު ހަތަރު ބޯޓް ގެންނަން ނިންމައިފި އެވެ.
އެ އެއާލައިންގެ ފްލީޓް ބޮޑުކޮށް ފުޅާކުރުމުގެ ގޮތުން، ފުރަތަމަ ބޯޓް ވަނީ މިއަދު ރާއްޖެ ގެނެސްފަ އެވެ. އަދި އަނެއް ތިން ބޯޓް ކުރިއަށް އޮތް މަސްތަކުގައި ރާއްޖެ ގެނެވޭނެ ކަމަށް ވެސް ޓީއެމްއޭއިން ބުންޏެވެ.
ޓީއެމްއޭގެ އިތުރުން އިތުރު ދެ ކުންފުންޏަކުން ސީޕްލޭންގެ ހިދުމަތް ރާއްޖޭގައި ދޭއިރު މިހާރުވެސް ޓީއެމްއޭގައި 52 ބޯޓް އޮވެ އެވެ. އަދި އިތުރު ހަތަރު ބޯޓާ އެކު އެ އަދަދު 56 އަކަށް އިތުރުވެގެންދާނެ އެވެ.
ޓީއެމްއޭއިން ބުނި ގޮތުގައި އެ އެއާލައިންގެ ފްލީޓް ބޮޑު ކުރަނީ ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަސޭހަ ހިދުމަތެއް ދީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެވެ. އަދި އަލަށް ހުޅުވާ އިތުރު ރިސޯޓްތަކަށް ހިދުމަތް ފުޅާކުރުމަކީ ވެސް އަމާޒެއް ކަމަށް ވެސް ޓީއެމްއޭއިން ބުންޏެވެ.