ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ ތެރެއިން މަޝްރޫއުތަކެއް ހަވާލުކޮށްފައިވާ ކަމަށް ތުހުމަތުވާ އިންޑިއާގެ މޯހަން މުތާ (އެމްއެމް އެކްސްޕޯޓްސް)އަށް މި ސަރުކާރުން ގިނަ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާކަން ހާމަވެއްޖެ އެެވެ.

އެހެން ނަމަވެސް، ފިނޭންސުން ބުނީ، މަޝްރޫއުތައް އެ ކުންފުންޏާ ހަވާލުކުރަނީ ވެސް އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

އެމްއެމް އެކްސްޕޯޓްސްއަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ހަވާލުކޮށްފައިވާއިރު އެކުންފުނިން ޕްރޮޖެކްޓުތައް ހިންގަނީ އަގު ބޮޑުކަޮށް ކަމަށާއި ކުންފުންޏަށް ބިޑްތައް ކާމިޔާބު ކުރެވެނީ ކޮރަޕްޝަނުގެ ތެރެއިން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ތުހުމަތުތައް ކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ސަރުކާރުގެ އަށް ޕްރޮޖެކްޓެއް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތާއި ރަށްރަށަށް އެމްބިޔުލާންސް ފޯރުކޮށްދިނުމުގެ ދެ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 137.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި އިއުލާނުކުރާ ހުރިހާ ޕްރޮޖެކްޓަކަށްހެން ބިޑްކުރާ ކުންފުނިތަކުގެ ތެރޭގައި މޯހަން މުތާ ހިމެނެ އެވެ.

އިންޑިއާގެ މޯހަން މުތާ އަކީ ކުރީ ސަރުކާރުގައި ވެސް ގިނަ ޕްރޮޖެކްޓުތަކެއް ރާއްޖޭގައި ކުރިއަށްގެންދިޔަ ކުންފުންޏެކެވެ. އެގޮތުން ހުޅުމާލޭގައި އަލަށް އިމާރާތްކުރި ރަށު މާރުކޭޓާއި ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ވެސް ކޮށްފައި ވަނީ މޯހަން މުތާ އިންނެވެ. އެހެން ނަމަވެސް، އެ ޕްރޮޖެކްޓްތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް ބައެއް މައްސަލަތައް އޭރު އޭސީސީއަށް ހުށަހެޅި އެވެ.

މީގެ އިތުރުން އެ ކުންފުންޏަށް މިފަހުން ހަވާލުކުރި އެމްބިއުލަންސް ފޯރުކޮށް ދިނުމުގެ މަސައްކަތް އެ ކުންފުންޏަށް ދިނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެ އަންނަނީ ޝައްކު އުފައްދަމުން އެވެ. އެގޮތުން އެ ބިޑްގައި ވާދަކުރި އޭޑީކޭއިން ވަނީ މޯހަން މުތާއަށް އެ މަސައްކަތް ހަވާލުކުރީ އެންމެ ބޮޑު އަގު އެ ކުންފުނިން ހުށަހަޅާފައި ވަނިކޮށް ކަމަށް ބުނެ އެ މައްސަލަ ވަނީ އޭސީސީއަށް ވައްދައިފަ އެވެ.

އެކުންފުންޏާ ގުޅޭ ކޮރަޕްޝަނުގެ ވާހަކަތަކެއް ދެކެވޭއިރު، ބިޑް އިވެލުއޭޓް ކުރުމުގައި އެކަމަށް ރިއާޔަތް ކުރޭތޯ "ސަން" އިން ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެފަދަ ގައިޑްލައިނެއް އަދި ނެތް ކަމަށާއި ގައިޑްލައިން އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ގައިޑްލައިނެއް ހެދިފައި ނެތިއްޔާ ރިޖެކްޓު ކުރާނެ ބޭސިސް އެއް ނެތް،" ގައިޑްލައިން އެކުލަވާލަނީ ކޮރަޕްޝަނުގެ މައްސަލައެއް އުޅޭނަމަ ބިޑުު އިވެލުއޭޓްކުރާ އިރު މާކްސް ކެނޑޭނެ ގޮތާއި ކުންފުނިތައް ބްލެކް ލިސްޓު ކުރެވޭނެ އުސޫލާ އެކުގައިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޓެންޑާ މެދުވެރިކޮށް ޕްރޮޖެކްޓުތައް އެވޯޑް ނުކުރާ ކަމަށެވެ. އެކަމުގެ 99 ޕަސެންޓް ޔަގީންކަން މިނިސްޓަރު ދެއްވަ އެވެ.

އެމްބިޔުލާންސް ފޯރުކޮށްދިނުމުގެ އެންމެ ފަހުގެ ޕްރޮޖެކްޓުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ ވާހަކަ ދެކެވެމުންދާއިރު އެ ކަންވެސް ފިނޭންސް މިނިސްޓަރު ވަނީ ދޮގުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ބިޑް އިވެލުއޭޓް ކުރާއިރު ބަލަނީ ހަމައެކަނި އަގަށާއި ޑެލިވަރީ މުއްދަތަށް އެކަނި ނޫން ކަމަށެވެ. ބިޑް އެވޯޑު ކުރަނީ ޓެކްނިކަލް އިވެލުއޭޝަންގައި ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ބިޑުތައް ކާމިޔާބުކުރާ ކުންފުނިތަކާއި އެ ޕްރޮޖެކްޓުގެ އަގު އަދި ނިންމަންޖެހޭ ތާރީހު ވެސް ފިނޭންސް މިނިސްޓްރީ އިން މިހާރު ދަނީ އާންމު ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ޕްރޮޖެކްޓުތައް އެވޯޑުކޮށް އިއުލާނު ކުރުމުން ބިޑް ކާމިޔާބު ނުކުރެވޭ ކުންފުނިތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާ ކަމަށާއި އެއީ އާންމުކޮށްވެސް ހިނގާ ކަމެއް ކަމަށެވެ. އަދި އެކަން ކުރަނީ، ކޮންމެހެން ކޮރަޕްޝަނެއް އޮވެގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.